ގާނޫނުއަސާސީ އަށް ބަދަލު ނުގެނެސް، މިހާރު ތިބި ކައުންސިލަރުންގެ ދައުރު ލޯކަލް ކައުންސިލު އިންތިހާބު ބޭއްވުމާ ހަމައަށް ދިގު ދެންމޭނޭ ގޮތް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ވަގުތީ ބިލަކީ ގާނޫނުއަސާސީއާ މުޅިން ހިލާފު ބިލެއް ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަދި ކުރީ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
"ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ބިލު 2020" ގެ ނަމުގައި އެ ބިލު މަޖިލީހަށް ފޮނުއްވީ އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ.
ހަސަން ލަތީފް ހުށަހެޅުއްވި ބިލްގައި ވަނީ ލޯކަލް ކައުންސިލް އިންތިހާބު ބާއްވާ އަލަށް ކައުންސިލަރުން އައްޔަން ކުރެވެންދެން މިހާރު ތިބި ހުރިހާ ރަށު ކައުންސިލަރުންނާއި އަތޮޅު ކައުންސިލަރުން މަގާމުގައި ދެމިތިބޭނެ ކަމަށެވެ. އެގޮތަށް ނިންމި ސަބަބެއްގެ ގޮތުގައި ވަނީ ކައުންސިލުތަކުގެ ދައުރު ހަމަވެ، ދިމާވެފައި އޮތް ހާލަތުގެ ސަބަބުން އިންތިހާބު ނުބޭއްވޭ ހާލަތު ކުރިމަތިވެއްޖެ ނަމަ ކައުންސިލުތައް ގާނޫނީ ހުސްކަމެއް ކުރިމަތިވެދާނެތީއެވެ.
އޭގައިވާ ގޮތުން މިހާރު ހިނގަމުންދާ ކައުންސިލްތަކަކީ ގާނޫނުއަސާސީ އާއި ގާނޫނުގައިވާ ގޮތުގެ މަތިން އިންތިހާބުކޮށްފައިވާ ކައުންސިލްތަކަށްވާ އިރު، ގާނޫނީ ހުސްކަމެއް ކުރިމަތިނުވެ، ގާނޫނުއަސާސީން ލާޒިމް ކުރާ ގޮތުގެ މަތިން ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގޭނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވި، އާ ކައުންސިލްތައް އިންތިހާބުވުމާ ހަމައަށް މިހާރު ހިނގަމުންދާ ކައުންސިލްތައް ދެމިއޮވެގެން ކަމަށް ވެސް އެ ބިލްގައި ވަނީ ބުނެފައެވެ.
ހަސަން ލަތީފުގެ އެ ބިލާއި ގުޅިގެން އުޝާމް ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ އެ ބިލުގެ މަގްސަދަކީ ގާނޫނުއަސާސީ އިސްލާހުނުކޮށް، ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ މިހާރުގެ ކައުންސިލުތަކުގެ 3 އަހަރުގެ ދައުރު އިތުރުކުރުން ކަމަށެވެ. އަދި ވިދާޅުވީ ގާނޫނުއަސާސީގައި ލިޔެ ބަޔާންކޮށްފައިވާ މުއްދަތެއް ގާނޫނުއަސާސީ އިސްލާހުނުކޮށް، އާންމު ގާނޫނަކުން ބަދަލުކުރުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށެވެ.
މި ބިލުގެ މަގްސަދަކީ ގާނޫނުއަސާސީ އިސްލާހުނުކޮށް، ގާނޫނުއަސާސީގަ ކަނޑައަޅާފައިވާ މިހާރުގެ ކައުންސިލުތަކުގެ 3 އަހަރުގެ ދައުރު އިތުރުކުރުން. ގާނޫނުއަސާސީގައި ލިޔެ ބަޔާންކޮށްފައިވާ މުއްދަތެއް ގާނޫނުއަސާސީ އިސްލާހުނުކޮށް، އާންމު ގާނޫނަކުން ބަދަލުކުރުމަކީ ގާނޫނުއަސާސީއާ ހިލާފުކަމެއް. pic.twitter.com/2AfeyfrRTi
— Ahmed Usham (@a_usham) April 8, 2020
ހަސަން ލަތީފް ހުށަހެޅުއްވި އެ ބިލްގައި ވަނީ ކައުންސިލްތައް ދެމިއޮންނަ މުއްދަތުގައި ގާނޫނުއަސާސީ އާއި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ކައުންސިލްތަކަށް ލިބިދޭ އެންމެހައި ބާރުތައް އެއްވެސް އިސްތިސްނާއެއް ނެތި، އެ ކައުންސިލްތަކަށް ލިބިގެންވާ ކަމަށެވެ.
އަދި އެ މުއްދަތުގެ ތެރޭގައި ކައުންސިލްތަކުން ނިންމާ ނިންމުންތަކަކީ ގާނޫނުއަސާސީ އާއި ގާނޫނުގައިވާ ގޮތުގެ މަތިން ފުރިހަމަ ބާރުވެރިކަން ލިބިގެންވާ އަދި އެ ނިންމުންތަކަށް ކައުންސިލްތަކުން ޒިންމާވާން ޖެހޭނެ ނިންމުންތަކެއްގެ ގޮތުގައި ބެލެވޭނެ ކަމަށް ބިލްގައި ވަނީ ބުނެފައެވެ.
ރާއްޖޭގެ ހާލަތު އާއްމު ހާލަތަކަށް ރުޖޫއުވެ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމާ ހަމައަށް މިހާރު ހިނގަމުންދާ ކައުންސިލްގެ ދައުރު ދަންމާލުމަށް ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް) ގާނޫނުއަސާސީ އަށް ވަނީ އިސްލާހު ހުށަހަޅުއްވައިފައެވެ.
އެކަމަކު، ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ގާނޫނުއަސާސީގައި އަތްލުމަކީ އެންމެ ރަނގަޅު ވަގުތެއް ނޫނެވެ. އެކަމަކު، އެހެން މެމްބަރުން ވިދާޅުވެފައި ވަނީ މިހާރު އިއުލާންކޮށްފައި ވަނީ ގާނޫނުއަސާސީގައި ބުނާ ފަދަ ކުއްލި ނުރައްކަލުގެ ހާލަތެއް ނޫން ކަމަށެވެ. އެހެންވެ، ގާނޫނުއަސަަސީގައި އަތްލުމަށް އެއްވެސް ހުރަހެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ބައެއް މެމްބަރުން ވިދާޅުވިއެވެ.
އަމިއްލަ އެދުންބޮޑު ބައެއް. ގާނޫނު ކޮންމެ ތަނެއްގައި އޮތަސް ބޭނުން ގޮތަކަށް ކަންކުރާނީ. ހަސަންމެން އިންސާފު ހޯދަނީ ގާނޫނު މައްޗާށް ފައިން އަރާއުސޫލުން. ގާނޫނީ ވަކީލުން މަޖްލިހަށް ވަނީމަ ކިހިނެއް މިވަނީ. ހިތުހުރިގޮތަކަށް އުޅެނީ.
އަމިއްލަ އެދުން ބޮޑު ނަމަ މިހާރު އޮތް ގޮތަށް ބާއްވާނި 85 ޕަސެންޓު ކައުންސިލުގަ އެމްޑީޕީގެ މެޖޯރިޓީ އޮތީ އެހެން ހެދިނަމަ ވެސް ބުނާނެ ޕާޓީކުދިންނަށް މޮޅު ގޮތް ހޯދައިދެނީއޭ..ސަލާމަތެއް ނޯންނާނެ
ބަޤާވާތް ކޮއްލައިގެން ވެރިކަމުގައި ހުރި ބާޤީވަހީދު ވެރިކަމުގައި ހުރި ހަދުވަހު މުއްދަތު ހޯދަދީ މަނިކުފާނުގެ އާއިލާއަށް ވަގު ޑީލް ވިލިގިލިން ދީނީ ޤާނޫނު އަސާސީ އިސްލާހު ކޮއްފައިތޯ؟؟
މީނާ މި ސުޕުރީމް ކޯޓުތަ؟؟ ޤާނޫނު އަސާސީއާ ޚިލާފު ތޯ ނޫންތޯ ނިންމާނި ސުޕުރީމު ކޯޓުން.. އެކި ވަކީލުންނާ އެކި މީހުންގެ ހުންނާނި އެކި ޚިޔާލު..
މީ އައްނިގެ ޕަޕެޓެއް..
މަޖިލީހުގެ މަސައްކަތް ގެންދަވަނީ ގާނޫނުއަސާސިއައި ހިލަފަށް . ގާނޫނެއް ހެދިފައޮއްވާ އެގާނޫނުގެ ބާރު ކެނޑޭގޮތަށް އިތުރު ގާނޫނެއްހެދުން ގާނޫނުއަސާސީއާހިލާފްވާނެ .އެ ގާނޫނު ސައްހަ ގަނޫނަކަށް ނުވާނެ . ކައުންސިލް އިންތިހާބުގެ މައްސަލަ ނިންމަންޖެހޭނީ ގާނޫނުއަސާސިގެ 80 ވަނަ މާއްދާގެ ތަރަހައިގެތެރޭނެ ސްޕްރީމްކޯޓް ގެ ނިޔާއަކުން. މިނޫންގޮތަކަށް ނިންމާ ނިންމުން ގާނޫނުއަސާސިއާހިލާފް ވާނެ. ފާސްކުރާފާސްކުރުންވެސް ބާތިލްވާނެ. ގާނޫނުއަސާސީ ގަބުނަނީގާނޫނުއަސާސީއާހިލާފް ވާގޮތަށް ފާސްކުރެވޭ ގާނޫނުގެހިލާފްވާ މިންވަރެއް ބާތިލްވާނެކަމަށް.