މުޅި ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަހާއި ގުޅިގެން ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ ޖީޑީޕީ މައިނަސް 17.7 ޕަސެންޓަށް ވެއްޓޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެއްޖެއެވެ.

ކޮވިޑް-19ގެ ހާލަތާއި ގުޅިގެން މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީގައި ގަވަރުނަރަށް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ މައިނަސް 9 ޕަސެންޓަށް ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް ވެއްޓިދާނެ ކަމަށް ލަފާ ކުރީ މީގެކުރިން ކުރިމަތިވެފައިވާ ގްލޯބަލް ފައިނޭޝަލް ކްރައިސިސްތަކާއި އަޅާ ކިޔުމަށްފަހު ކަމަށެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ އެންމެ ބޮޑަށް ރާއްޖޭގެ އިގްތިސޯދަށްވެސް މިފަހަުގެ ތާރީހެއްގައި ބޮޑު އަސަރެއް ކޮށްފައިވަނީ 2004ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގައި ކަމަށެވެ.

"އެއީ ގާތްގަނޑަކަށް 17.7 ޕަސެންޓް ދަށަށް ދިޔައީ. ގްލޯބަލް ފައިނޭންޝަލް ކްރައިސިސްގައި 7.7 ޕަސެންޓް. އެންމެ ގޯސް ސިނާރިއޯގައި 9 ޕަސެންޓު ދަށަށް ދާނެ ކަމަށް ބެލެވެނީ. އެހިސާބަށް ގޮސްފިނަމަ ހާލަތު ވަރަށް ދަށްވާނެ." ގަވަރުނަރު ވިދާޅުވިއެވެ.

އެންމެ ގޯސް ވެދާނެ ހާލަތެއް ކަމަށް ގަވަރުނަރު ފާހަގަކުރެއްވި ހާލަތަކީ ކޮވިޑް-19 ގެ ސަބަބުން އެއްވެސް ފަތުރުވެރިޔަކު ރާއްޖެ ނައުން ނުވަތަ ފަތުރުވެރިން ރާއްޖެއަށް މަދުން އައުމެވެ. ގަވަރުނަރު ވިދާޅުވީ މިހާރަށްވުރެ ބޭރުގެ އެހީއަށް ބަރޯސާވެ ރާއްޖޭގެ އިގްތިސޯދު ކޮޅަށް ޖެހުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި 150 މިލިއަން ޑޮލަރު ބޭރުގެ އެހީ ލިބޭނެ ކަމަށް ލަފާ ކޮށްފައިވެއެވެ. އޭގެތެރެއިން މިހާރު ވަނީ 50 މިލިއަން ޑޮލަރު ލިބިފައެވެ ބާކީ ހުރި ފައިސާގެ ތެރެއިން ވެސް ބައެއް ފައިސާ ހަމަޖެހިފައިވާއިރު އެ ފައިސާތައް ހޯދުމުގެ ގޮތުން އެގްރީމަންޓުތަކުގައި ސޮއި ކުރަންޖެހެއެވެ. އެހެންކަމުން މިހާރު އެ ފައިސާތައް ހޯދުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ދައްޗަކީ ދަތުރުފަތުރުތައް މެދުކަނޑާލާފައި އޮތުމުން ދިމާވާ ދަތި ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ބޮޑެތި އަސަރުތަކެއް ވަނީ ކޮށްފައެވެ. ހާއްސަކޮށް ފަތުރުވެރިކަމަށް ލިބިގެން ދިޔަ ހީނަރުކަމުގެ ސަބަބުން ދައުލަތަށް ވަންނާނެ ކަމަށް ލަފާ ކުރި އާމްދަނީއާ ގާތަށް ވެސް މިއަހަރު އާމްދަނީ ވަދެގެން ނުދެއެވެ. އެހެންނަމަވެސް ފިނޭންސް މިނިސްޓްރީން މިހާތަނަށް ހާމަކޮށްފައިވާ ފައިނޭންޝަލް ރިޕޯޓުތައް ދައްކާ ގޮތުގައި ކުޑަ ފަރަގުތަކެއް ހުރި ނަމަވެސް އާއްމު ގޮތެއްގައި ދައުލަތަށް ވޭތުވެދިޔަ ދެތިން މަހު ވަދެފައިވާ އާމްދަނީ ނިސްބަތުން ރަނގަޅެވެ.

ކޮވިޑް-19 ފެތުރޭތީ، ޓޫރިޒަމް އަށް އެކަމުގެ އަސަރުކޮށް ރާއްޖެއަށް ވަންނަ ބޭރު ފައިސާގެ އާމްދަނީ ބޮޑުތަނުން ދަށްވެ 450 މިލިއަން ޑޮލަރު މަދުވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ. މިދިޔަ އަހަރު ނިމުނުު އިރު ރާއްޖެއަށް ބޭރު ފައިސާގެ އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ، 653.34 މިލިއަން ޑޮލަރެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދަތްދޫނި

    މިހާރުން މިހާރަށް ޗައިނާ އާއިއެކު ވާހަކަދައްކާ ރާއްޖޭގެ ކޮންމެވެސް އަތޮލެއް އެވެރިންނަށް މިލްކް ކޮއްދިނުމަށް މި ވަބާއިން އަރައިގަންނަންދެން ރައްޔިތުން ބެލެހެއްޓުމަށް ޝަރުތުކޮއް. އެވެރިން ރާއްޖެ ތަރައްޤީވެސް ކޮއްދޭނެ އަދި ރައްޔިތުންނަށް އުފާ ފާގަތިކަންވެސް ގެނެސްދޭނެ. ރައީސް ޔާމީނުގެ ވިސްނުންފުލުވެސް ހުރީ މިގޮތައްކަން ޔަޤީން. މިހެންކަމުން މިސަރުކާރުންވެސް ލަސްނުކޮއް މިކަމުގައި އަވަސް ފަޔަވަލު އެލުން ބުއްދިވެރި.

    14
    2