އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާ މި ދަނޑިވަޅުގައި ޝަރުއީ ކޯޓުތަކުގެ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިޔަށް ގެންދިއުމަކީ މުހިއްމު ކަމެއް ކަމަށް ފެންނާނީތީ އެކަމާއި ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މިއަދުގެ ބައްދަލުވުމުގައި މަޝްވަރާ ކޮށްފިއެވެ.

އޯޑިއޯ ވީޑިއޯ ކޮންފެރެންސް މެދުވެރިކޮށް ބޭއްވި އެ ބައްދަލުވުމުގައި ޖޭއެސްސީން ވަނީ ކޯޓުތަކުގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެ ހަތަރު ކަމެއް ފާހަގަކޮށްފައެވެ.

އެގޮތުން ސުޕީރިއާ ކޯޓުތަކުންނާއި އިސްތިއުނާފް މަރުޙަލާގެ ކޯޓުތަކުން، މިހާލަތުގައި ޝަރީއަތްތައް ހިންގާނެގޮތުގެ އުސޫލުތައް އެކުލަވާލާ އެއުސޫލުތަކާ އެއްގޮތަށް، އެ ކޯޓުތަކުގެ ފަނޑިޔާރުން ޝަރީއަތްތައް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ. އަދި ކޯޓުތަކުން ކަނޑައަޅާ ޢާންމުކުރާ އުސޫލާއި އެއްގޮތަށް މަސައްކަތްކުރެވޭނެ މަގު ފަހިކޮށްދީ އިންތިޒާމްތައް ކޯޓުތަކަށް ހަމަޖައްސައި ދިނުމަށް ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް (ޑީޖޭއޭ) އަށް އެންގުމަށް ވެސް މިއަދުގެ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.

ޖޭއެސްސީން ބުނީ މިއަދުގެ ބައްދަލުވުމުގައި މެޖިސްޓްރޭޓް ކޯޓުތަކުން ސަރުކާރު ބަންދުކޮށްފައިވާ މުއްދަތުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން، ޖުޑީޝަލް ދާއިރާތަކުގެ އިސްމެޖިސްޓްރޭޓުންނާއެކު މަޝްވަރާކޮށް އެކުލަވާލުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް އެންގުމަށްވެސް ނިންމާފައިވާ ކަމަށެވެ.

އަދި ޝަރީއަތްތައް ހިންގުމުގައި ކޯޓު ހުޅުވައިގެން މަސައްކަތް ކުރުމުގައި ފަނޑިޔާރުންނާއި ކޯޓުގެ މުވައްޒަފުންގެ ސަލާމަތަށް އަޅަން ޖެހޭ ހުރިހާ ސަލާމަތީ ފިޔަވަޅެއް އަޅާ އެބޭފުޅުންނަށް ރައްކާތެރި މަސައްކަތު މާހައުލެއް ނުވަތަ ޝަރީއަތުގެ މާހައުލެއް އޮންނާނެހެން ކޯޓުގެ އިދާރީ ހުރިހާ ކަމެއް ރޭއްވެވުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި ދެންނެވުމަށްވެސް ޖޭއެސްސީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.

ޖޭއެސްސީން މިގޮތަށް ނިންމިއިރު މިހާރުގެ ހާލަތު ގޯސްވެއްޖެ ނަމަ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަންކަން ކުރާނެ ގޮތުގެ ހާއްސަ އުސޫލެއް ޑީޖޭއޭ އިން ވަނީ އެކުލަވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަޙުމަދު

    ވަރަށް ރަނގަޅު ކަމެއް
    ކޮންމެވެސް ވަރަކަށް އެބަ ޖެހޭ މަސައްކަތް ކުރެވޭނެ ގޮތެެއް ހަމަޖެހެން ނޫންނަމަ ރައްޔިތުންނަށް ވަރަށް ދަތިވާނެ ކަން ކަން ހުންނާނެ