ގްރީން ޓެކުހުގެ އާމްދަނީ ޖަމާކޮށްގެން އުފައްދާފައިވާ، ގްރީން ފަންޑް މެދުވެރިކޮށް މިއަހަރުގެ ފެބްރުއަރީ މަހު 38 މަޝްރޫއު އަކަށް 25 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީ އިން އާންމުކޮށްފައިވާ މިއަހަރުގެ ފެބްރުއަރީ މަހުގެ ގްރީން ފަންޑު ރިޕޯޓުގައިވާގޮތުން ފެބްރުއަރީ މަހު ގްރީން ފަންޑަށް 77 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި އޭގެތެރެއިން 25 މިލިއަން ރުފިޔާ އަންނަނީ 38 މަޝްރޫއުއަކަށް ހަރަދު ކުރަމުންނެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރިސޯޓުތަކަށް ގްރީން ފަންޑުން 70.8 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ހޮޓާތަކުން ލިބިފައިވަނީ 1.5 މިލިއަން ރުފިޔާއެވެ. ގެސްޓު ހައުސްތަކުން ލިބިފައިވަނީ 2.54 މިލިއަން ރުފިޔާއެވެ. ލިވަބޯޑުތަކުން ގްރީން ފަންޑަށް 2.2 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ގްރީން ފަންޑަށް އެންމެ ގިނައިން ފައިސާ ޖަމާކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަނީ ކ. އަތޮޅެވެ. އެ އަތޮޅުގެ ރިސޯޓުތަކުން އެކަނިވެސް 25.7 މިލިއަން ރުފިޔާ ގްރީން ފަންޑަށް ޖަމާކޮށްފައިވާއިރު ގެސްޓު ހައުސްތަކުން 1.1 މިލިއަން ރުފިޔާ ވަނީ ޖަމާކޮށްފައެވެ. މުޅި ޖުމްލަ ކ. އަތޮޅުން އެކަނި 26.9 މިލިއަން ރުފިޔާ ގްރީން ފަންޑަށް ވަނީ ޖަމާކޮށްފައެވެ.

ގްރީން ފަންޑުން އެންމެ ބޮޑު ހޭދައެއް ކުރަނީ އައްޑޫ ސިޓީއަށެވެ. އެ ސިޓީގައި ރީޖަނަލް ވޭސްޓް މެނޭޖުމަންޓު ފެސިލިޓީއެއް ގާއިމް ކުރުމަށް ފެބްރުއަރީ މަހުގެ ގްރީން ފަންޑުން 9.8 މިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފައެެވެ.

މިއަހަރު ފެށުނުއިރު ގްރީން ފަންޑުގައި ހުރީ 782 މިލިއަން ރުފިޔާއެވެ. ޖެނުއަރީ ނިމުނު އިރު ގްރީންފަންޑުގައި ހުރީ 866 މިލިއަން ރުފިޔާ އެވެ. ފެބްރުއަރީގެ ނިޔަލަށް މިއަދަދު ހުރީ 918 މިލިއަނުގައެވެ.

ރާއްޖެއަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ އަތުން ނަގާ ގްރީންޓެކުހުގެ އާމްދަނީ ޖަމާކޮށްގެން އުފައްދާފައިވާ އެ ފަންޑުން ހަރަދުކުރަނީ ރާއްޖޭގެ ތިމާވެށި ރައްކާތެރި ކުރުމުގެ މަޝްރޫއުތަކަށެވެ.