ޖޯލި މޯލްޑިވްސް ރިސޯޓާއި ރ.ބޮޑުފުށި ރިސޯޓްގައި އުޅުމަށް ފަހު ރާއްޖެ އިން ފުރައިގެން ދިޔަ ފަހުން ކޮވިޑް-19 އަށް މީހަކު ފައްސިވި (ޕޮޒިޓިވް) މައްސަލާގައި ޖޯލި މޯލްޑިވްސްއާ ބޮޑުފުށިން 33 މީހަކު އައިސޮލޭޓް ކޮށް، 21 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށް ކޮވިޑް-19 ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވަ ތަރުޖަމާން މަބްރޫކު އަޒީޒު ވިދާޅުވެއްޖެއެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ އެ މީހާއާ ކޮންޓެކްޓްވި މީހުންގެ ތެރޭގައި އެމީހާ ހުރި ރިޒޯޓުގެ މުވައްޒަފުންނާއި އެމީހާ ގޮވައިގެން ދަތުރުކުރި ކުރޫއާއި އެއާޕޯޓް ގްރައުންޑް ސްޓާފުން ހިމެނޭ ކަމަށެވެ. އަދި އެ މީހުންގެ ތެރެއިން 21 މީހެއްގެ ސާމްޕަލް ނަގާފައިވާކަމަށް މަބްރޫކް ވިދާލުވިއެވެ. އަދި މިހާރުވެސް ކޮންޓެކްޓް ޓްރޭސިން ކުރިއަށް ގެންދާތީ އެމީހާއާ ބައްދަލުވި މީހުންގެ އަދަދު އިތުރުވެދާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ. މަބްރޫކް ވިދާޅުވީ އެމީހާ ކޮންޓެކްޓުވި 33 މީހަކު އެކަހެރި ކޮށްފައިވާ ކަމަށެވެ.
އެމީހާއަކީ ރުކީވިލާތުގެ މީހެކެވެ. އޭނާ ފައްސިވީ ތުރުކީވިލާތައް ގޮސް ޓެސްޓްތަކެއް ހެދިއިރުއެވެ. އޭނާ ރާއްޖެ އިން ފުރައިގެން ދިޔައީ މާޗް މަހުގެ 31 ވަނަ ދުވަހު އެވެ. އޭނާ ކޮވިޑް-19 އަށް ފައްސިވެފައި ވަނީ މިދިޔަ ހޯމަ ދުވަހުއެވެ. މަބްރޫކް ރޭ ވިދާޅުވީ އެމީހާ އަކީ އެ ދެ ރިސޯޓުގައި މަސައްކަތްތަކެއް ކުރުމަށް އައި މީހެއް ކަމަށެވެ.

މިއަދު އެއްވެސް ރިސޯޓެއް އަދި ސަފާރީއެއް ވެސް މޮނީޓަރިންގެ ހާލަތަށް ގެނެސްފައެއް ނުވެއެވެ. މިހާރު މޮނީޓަރިންގެ ހާލަތުގައި އޮތީ ވެލައްސަރު ރިސޯޓާއި ސެވަން ކޮރަލް މާފުށްޓާއި މޯލްޑިވިއާނާ ސަފާރީ އަދި އައިލެންޑު ސަފާރީއެވެ. މަބްރޫކް ވިދާޅުވީ މިހާތަނަށް 18 ރިސޯޓަކާއި 43 ސަފާރީއަކުން މުވައްޒަފުން ފޭބުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.

މިހާތަނަށް 2350 މީހެއްގެ ސާމްޕަލް ނެގިފައިވެއެވެ. އޭގެތެރެއިން 2059 މީހެއްގެ ސާމްޕަލް އެއް ވަނީ ނެގެޓިވްވެފައެވެ. އަދި ސާމްޕަލް ނެގި މީހުންގެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ 19 މީހުންނެވެ. މިހާތަނަށް ސާމްޕަލް ނެގި މީހުންގެ ތެރެއިން 272 މީހެއްގެ ނަތީޖާ އަދި ނުލިބެއެވެ.

ރާއްޖޭގެ އައިސޮލޭޝަން އެކި ފެސިލިޓީތަކުގައި 12 މީހުން ތިބިއިރު ކަރަންޓީން ފެސިލިޓީތަކުގައި ޖުމްލަ 1019 މީހަކު އެބަހުއްޓެވެ. ރާއްޖެއިން ކޮވިޑް-19 އަށް 19 މީހަކު ޕޮޒިޓިވްވިއިރު އޭގެތެރެއިން 13 މީހަކު ވަނީ ބަލިން އެއްކޮށް ރަނގަޅުވެފައެވެ. އަދި މިހާރު ފަރުވާ ދެމުން އަންނަނީ ހަތަރު ދިވެހިންނަށެވެ.

ކިޔުންތެރިންގެ ހިޔާލު