ކޮވިޑް19 އާއި ގުޅިގެން އެކި ޤައުމުތަކުގައި ތާށިވެފައި ތިބި ދިވެހިންގެ ތެރެއިން ސަރުކާރުން އެހީވާނެ ކަމަށް ބުނެފައިވާ އެއްވެސް ފަރާތަކަށް އެހީތެރި ނުވެ ދޫކޮށްނުލާނެ ކަމަށް، ކޮވިޑް19 އާއި ގުޅިގެން މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ރައީސް އޮފީހުގެ އަންޑަރ ސެކެޓްރީ މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ މިހާރުވެސް ރާއްޖޭގައި ތިބި އެކި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީފަވާނެ ކަމަށެވެ. އަދި ހުރިހާ ފަރާތްތަކުގެ ހާލުވެސް ކައިރިން ބަލާ، އެ ފަރާތްތަކަށް ދިމާވާ ދަތިތަކަށް ހައްލު ހޯދާދިނުމަށް މަސައްކަތް ކުރައްވާކަން މަބްރޫކް ވަނީ ފާހަގަކުރައްވާފައެވެ.

"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ހަމަ ޔަޤީންކުރަން އެއްވެސް ފަރާތެއް އެ މީހެއްގެ އެ މީހަކަށް ނުރައްކާތެރި ހާލަތަކަށް ނުގޮސް، ވީވަރަކުން ހަމަ އެހީތެރިކަން ފޯރުވައިދެވޭތޯ. ސަރުކާރާއި، ސަރުކާރުގެ އެއްވެސް މުއައްސަސާއަކާއި ވާހަކަދެއްކިފައި އެ ފަރާތުން އެހީވާނެ ކަމަށް ދެންނެވިފައި އޮތް އެކަކުވެސް ދޫކޮށެއް ނުލާނަން. އެހީތެރިކަން ފޯރުވާ ނުދީ. ހަމަ ޔަޤީންކަމާއި އެކީގަ އިނގޭތޯ." މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ރާއްޖެ ގަނައުމަށް ސަރުކާރުން މަސައްކަތް ކުރާއިރު މި ސަރަހައްދުގެ ޤައުމުތަކަށް އެކަނި ބެލިކަމަށް ވީނަމަވެސް އެ މަސައްކަތް އެގޮތަށް ކުރާ ހަމައެކަނި ޤައުމަކީ ރާއްޖެކަމަށެވެ.

މީގެ އިތުރުން އިންޑިއާގެ ޓްރެވިންޑްރަމް އާއި ކޮޗިން ފިޔަވާ، އެހެން ތަންތަނުގައި ތިބި ދިވެހި ފަރާތްތަކުގެ ހާލަތު އޮޅުން ފިލުވާފައިވާ މިންވަރާއި މެދު މައުލޫމާތު ދެއްވަމުން މަބްރޫކް ވިދާޅުވީ އިންޑިއާގެ އެކި ހިސާބުތަކުގައި ތިބި ދިވެހިން ރާއްޖެ އަންނަން ބޭނުންވެފައި އެބަ ތިބިކަމަށެވެ.

ދިވެހިން ގިނަ އަދަދަކަށް އިންޑިއާގައި އުޅޭ އިރު، އެންމެ އެކަށީގެންވާ މައުލޫމާތު ނުލިބި ދަނީ ކޮންމެ ދުވަހަކުވެސް ބަދަލުވަމުންދާ މައުލޫމާތު ހުރީމަ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ރެޖިސްޓަރ ކުރަން ހުޅުވާލި ފުރުސަތުގައި 8000 އަށް ވުރެ ގިނަ މީހުން ވަނީ ރެޖިސްޓްރީކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހާދައޭދޯ

    މަނިކުފާނު ނުބުއްޏަސް ތިކަން ވަރަށްސާފު ތޯ