މިދިޔަ ހޮނިހިރު ދުވަހު އައްޑޫ ސިޓީ ހިތަދޫ އިން މޫދަށް އެރި އުޅެނިކޮށް ގެއްލުނު ދެކުދިންގެ އާއިލާ އަށް ރައީސުލްޖުމްހޫރިއްޔާގެ މަންދޫބެއްގެ ގޮތުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ފޯނުން ގުޅުއްވައި ހިތްވަރުދެއްވައިފިއެވެ.

ރައީސްގެ މަންދޫބެއްގެ ގޮތުން ޑިފެންސް މިނިސްޓަރު ދެއާއިލާ އަށް ވަކިވަކިން ކުރެއްވެވި ފޯންކޯލްގައި ދެކުދިން ހޯދުމަށް ސިފައިންނާއި ފުލުހުން ކުރަމުން ގެންދާ މަސައްކަތުގެ މައުލޫމާތު ވެސް ދެއްވެވިއެވެ. އަދި ދެކުދިން ހޯދުމަށް ސަރުކާރުގެ ހުރިހާ ވަސީލަތެއް ބޭނުންކުރާނެ ކަމުގެ ޔަގީން ރައީސްގެ ފަރާތްޕުޅުން ދެއާއިލާ އަށް ވެސް ވަނީ އަރުވާފައެވެ.

ގެއްލިގެން ހޯދަނީ ހިތަދޫ ޓޮޕާޒް މަޔާމީން އަލީ، އާއި އެ ރަށު ޗަނބޭލީގޭ އަލީ ފަހުމީ، އެވެ.

މިދިޔަ ހޮނިހިރު ދުވަހު ގެއްލުނު ދެކުދިން ހޯދުމަށް ސިފައިންނާއި ފުލުހުންނާއި އާންމު ރައްޔިތުން ދަނީ ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންނެވެ. ދެކުދިންގެ ހޯދުމުގެ މަސައްކަތް ވައިގެ މަގުންނާއި ކަނޑުގެ މަގުން ކުރަމުން ދާއިރު ޑައިވަރުންނާއި ރޮބޮޓެއް ބޭނުން ކޮށްގެން ކަނޑުގެ އަޑި ބެލުމުގެ މަސައްކަތް ވެސް ކުރިއަށް އެބަދެއެވެ.

އެމްއެންޑީއެފް އިން އިއްޔެ ވެސް ވިދާޅުވީ ދެކުދިން ހޯދުމަށް ކުރާ މަސައްކަތް އުއްމީދާއި އެކު އަދި ވެސް ކުރިއަށްދާ ކަމަށެވެ.