ކޮވިޑް-19 އާ ގުޅިގެން ހދ. ވައިކަރަދޫގެ ބައެއް ތަންތަނުގެ ތިން މަހުގެ ކުލި މާފުކޮށްދިނުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ.

ވައިކަރަދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން އެސްޓީއޯ ބޭސް ފިހާރަ ހިންގާ އިމާރާތުގެ ކުއްޔާއި ދިރާގު އެންޓެނާ ބެހެއްޓުމަށް ދޫކޮށްފައިވާ ބިމުގެ ކުލި ފިޔަވައި ކައުންސިލުން ދޫކުރި އެހެން ހުރިހާ ތަނެއްގެ ކުލި މާފު ކުރަން ނިންމާފައިވާ ކަމަށެވެ.

އެ ތަންތަނުގެ ކުލި މާފުކޮށް ދެނީ އޭޕްރީލް، މެއި އަދި ޖޫން މަހާ ހަމައަށް ކަމަށް ވެސް ވައިކަރަދޫ ކައުންސިލުން ބުންޏެވެ.

ވައިކަރަދޫ ކައުންސިލުން ބުނި ގޮތުގައި ކުލިތައް މާފު ކުރަން ނިންމީ މިހާރު ފެތުރެމުންދާ ކޮވިޑް-19 ރޯގާއާ ގުޅިގެން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ބަލައިފައެވެ.

ވައިކަރަދޫ އިން ވަނީ ކޮވިޑް-19 އާއި ގުޅިގެން އެރަށުގެ ރައްޔިތުންނަށް ކުރިމަތިވާނެ ހީނަރުކަމުން އަރައިގަތުމަށް ދަނޑުވެރިކަން ކުރުމަށް ބިން ވެސް ދޫކޮށްފައެވެ.