އިނގިރޭސި ވިލާތުގައި ކޮވިޑް-19 އަށް އިތުރު ދެ ދިވެއްސަކު ފައްސިވި (ޕޮޒިޓިވް) ކަން އެމީހުންގެ އާއިލާ އިން ބުނެފިއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި އިނގިރޭސި ވިލާތުގައި ކޮވިޑް-19 ޖެހުނު ހަތަރު ދިވެއްސަކު މިހާރު އެ ގައުމުގައި އެބަތިއްބެވެ. މީގެކުރިން އިނގިރޭސި ވިލާތުގައި ދިރިއުޅޭ ދެމަފިރިއަކު ވެސް ވަނީ ކޮވިޑް-19 އަށް ފައްސިވެފައެއްވެ. އެކަމަކު، އެމީހުން ހޯމް އައިސޮލޭޝަންގައި ތިބި އިރު، ހާލު ރަނގަޅެވެ.

އެންމެ ފަހުން، އިނގިރޭސި ވިލާތުގައި ބަލި ޖެހުނީ ވެސް އެ ގައުމުގައި ދިރިއުޅެމުން އަންނަ ދެ ދިވެހިންނަށެވެ.

ދެ ދިވެހިންގެ އާއިލާގެ މެމްބަރަކު "ވަގުތަށް" ކިޔައި ދިން ގޮތުގައި އެމީހުން ކޮވިޑް-19 އަށް ފައްސިވި ކަމުގެ ނަތީޖާ ލިބުނީ އިއްޔެގެ ވަގުތެއްގަވެ. އެހެންވެ، އެމީހުން މިހާރު ތިބީ އައިސޮލޭޝަންގައި ކަމަށާއި ހާލު ގޯސް ނޫން ކަމަށް ވެސް އެމީހާ ބުންޏެވެ.

"ބަލީގެ އަލާމާތްތައް ދެ މީހުންގެ ގައިން ވަނީ ފެނިފައި. އެކަމަކު، އެމީހުންނަށް މާ ބޮޑު ވަރެއް ނުވޭ. ހާލު ރަނގަޅު. ބަލިވީމަ އެ އިހްސާސް އެހެން މީހުންނެކޭ އެއްގޮތަށް އެމީހުންނަށް ވެސް ކުރެވޭ. އެމީހުން މިހާރު ދަނީ ފަރުވާ ހޯދަމުން،" ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި މީހަކު ކިޔައި ދިނެވެ.

ނަމަވެސް މި މީހުންނާ ބެހޭ އިތުރު މައުލޫމާތު ދިނުމަށް އާއިލާ އިން ވަނީ ދެކޮޅު ހަދައިފައެވެ.

"މިވަގުތު ކަމާބެހޭ ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުން އެމީހުންނަށް ލިބޭ. ކަމާބެހޭ ފަރާތްތަކުން ވަރަށް ރަނގަޅު،" އާއިލާގެ މެމްބަރަކު ބުންޏެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޗައިނާގެ ވޫހާންގައި ފެތުރެން ފެށި ނޮވެލްކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އެންމެ ބާރަށް ފެތުރޭ ގައުމުތަކުގެ ތެރޭގައި އިނގިރޭސި ވިލާތް ހިމެނެއެވެ. އެ ގައުމުން މިހާތަނަށް 60,733 މީހެއްގެ ގައިން ބަލި ފެނުނު އިރު، ބަލި ޖެހިގެން 7,097 މީހަކު ވަނީ މަރުވެފައެވެ.

އެ ގައުމުން މި ބަލި ޖެހިގެން ރަނގަޅު ކުރެވުނީ އެންމެ 135 މީހުންނެވެ. އެއީ އެހެން ގައުމުތަކާ އަޅާބަލާ އިރު، ނިސްބަތުން މަދު އަދަދެކެވެ.

މި ބަލި ޖެހިގެން އެ ގައުމުގައި ސީރިއަސް ހާލަތުގައި 1,559 މީހުން އެބަތިއްބެވެ.

މުޅި ދުނިޔެއިން މިހާތަނަށް 1.5 މިލިއަނަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެ 88،500 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ފައްސިވި މީހުންގެ ތެރެއިން 330،000 އަށް ވުރެ ގިނަ މީހުން ވަނީ ރަނގަޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ވޮއްލެ

  އަވަހަށް އެމީހުން ރާއްޖެ ގެނެވޭތޯބަލާ.

  14
  7
 2. އައްމަޑޭ

  Dhen male geney

  14
  3
 3. ހިޖާމާ

  ކޮންބޭފުޅެއްގެ ކޮންބޭފުޅަކު މާލެގެންނަން ޖައްސާ ސްޓަންޓެއް އަނެއްކާ؟

 4. ޢޅެކސް

  އވަސް ޝިފާޔަކަށް ެދެން....

  13
 5. ލަސްނުކުރޭ

  ވީއެންމެއަވަހަކައް އެމީހުން ރާއްޖެގެނޭ