ރައީސް އަބްދުﷲ ޔާމިންގެ އަނބިކަބަލުން ފާތިމަތު އިބްރާހިމް ތ.ގާދިއްފުއްޓަށް ވަޑައިގަތުމުން އެރަށު ރައްޔިތުން އެކަމަނާއަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

އެކަމަނާ އެރަށަށް ވަޑައިގަތީ މިއަދު ހެނދުނުއެވެ. އެރަށަށް ވަޑައިގަތުމުން އެކަމަނާއަށް މަރުހަބާ ދެންނެވުމަށް ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެރަށު ބަނދަރަށް އެއްވެފައެވެ.

"އެންމެ ގާތުން" ކެމްޕޭންގެ ދަށުން މެޑަމް ފާތުން ތ.އަތޮޅު ރަށްތަކަށް ކުރައްވަމުންގެންދަވާ މި ދަތުރުފުޅުގައި ރައްޔިތުންގެ ހާލު ބައްލައި، އެ ރައްޔިތުންގެ ހުރި ދަތިތައް އޮޅުން ފިލުވައި، އެކަން ހައްލުކޮށްދެއްވަން މަސައްކަތް ކުރައްވާނެއެވެ. އަދި ރަށުގައި ތިބި ހާއްސަ އެހީތެރިކަމަކަށް ބޭނުންވާ ފަރާތްތަކާއި ބައްދަލު ކުރައްވާނެއެވެ.

މިއަދު ގާދިއްފުއްޓަށް މެޑަމް ފާތުން ކުރި ދަތުރުގައި އެރަށުގެ ރައްޔިތުންނާއި ވަނީ ބައްދަލު ކުރައްވާފައެވެ. އަދި އެ ރައްޔިތުންގެ ހާލު ވަނި ބައްލަވާލައްވާފައެވެ.

މެޑަމް ފާތުންގެ މި ދަތުރުފުޅުގައި މިހާތަނަށް ވަނީ ވިލިފުށި އާއި ތިމަރަފުށި އަދި މަޑިފުއްޓާއި، ގުރައިދޫއަށްވެސް ވަޑައިގެންފައެވެ. އަދި މިއަދުގެ ވަގުތެއްގައި ދިޔަމިގިލި އަދި ވޭމަންޑޫ އަށް ވަޑައިގަންނަވާނެއެވެ.