ޑިޕާޓުމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ފޯރުކޮށްދެމުން އަންނަ ކުށާއި ދަރަނީގެ ރިކޯޑު ސާފު ކުރުމަށް އީމެއިލް ކުރުމަށް އެ ޑިޕާޓުމަންޓުން އެދިއްޖެއެވެ.

ޑީޖޭއޭ އިން މިއަދު ބުނީ ކޮވިޑް-19 އާއި ގުޅިގެން އިއުލާނު ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މިދުވަސްވަރުގައި ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން އެ ޑިޕާޓުމަންޓުން ފޯރުކޮށްދެމުން އައްނަ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގެ ކަންކަމަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށްޓަކައި، ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު އައި.ޑީ ކާޑުގެ ކޮޕީއަކާއިއެކު [email protected] އަށް މެއިލް ކުރެއްވުމުން ރެކޯޑު ސާފުކުރެވޭނޭ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.

މެއިލް މެދުވެރިކޮށް ލިބޭ ފޯމުތަކުގައިވާ ރެކޯޑު ސާފުކުރެއްވުމަށްފަހު މެއިލް މެދުވެރިކޮށް އެ ޑިޕާޓުމަންޓުން ޖަވާބުދާރީވާނެއެވެ. އެކަމާއި ގުޅިގެން އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ނަމަ 7766768 އެ ނަންބަރަށް ގުޅައިގެން މައުލޫމާތު ސާފުކުރުމަށް ވެސް އެ ޑިޕާޓުމަންޓުން ވަނީ އެދިފައެވެ.

ކޮވިޑް-19 އާ ގުޅިގެން އެކަމުން ރައްކާތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން ސަރުކާރު އޮފީސްތަކާއި ސްކޫލުތަކާއި ކޮލެޖު އަދި ޔުނިވާސިޓީތައް ވަނީ މިދިޔަ ަހުގެ 19ވަނަ ދުވަހުން ފެށިގެން ބަންދުކޮށްފައެވެ. އެހެންކަމުން ސަރުކާރުގެ ގިނަ އިދާރާތަކުން އަންނަނީ އެ އިދާރާތަކުން ދެމުން އަންނަ ބައެއް ހިދުމަތްތައް އޮންލައިންކޮށް ދެމުންނެވެ. މީގެތެރޭގައި ޝަރުއީ ދާއިރާއާ ގުޅުންހުރި ކަންކަމާއި ބެހޭ ހިދުމަތްތައް ވެސް އޮންލައިންކޮށް ދިނުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.