ކޮވިޑް-19 އާއި ގުޅިގެން އޮފީސްތައް ބަންދުވުމާއި ގުޅިގެން ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ގައިދީންނާއި ބަންދު މީހުންނަށް އީމެއިލް މެދުވެރިކޮށް އެކަން ޖަހަޖެހިގެން ދާނެ ކަމަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ބުނެފިއެވެ.

ހޯމްއެފެއާޒުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވުމާއި ގުޅިގެން، ސަރުކާރުގެ އޮފީސްތައް އާންމު އުސޫލުން ނުހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމާފައިވާތީ، މިހާލަތުގައި ރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ގައިދީންނާއި ބަންދު މީހުންނަށް އީމެއިލްގެ ޒަރިއްޔާއިންނާއި، ފޯނު މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށެވެ.

"މިހާލަތުގައި ރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 9 ވަނަ މާއްދާގެ (ހ) ގެ ދަށުން އައްޔަން ކުރައްވާފައިވާ އިންސްޕެކްޓަރު އޮފް ކަރެކްޝަނަލް ސަރވިސްއަށް، އެޤާނޫނުގެ 10 ވަނަ މާއްދާގެ ދަށުން ގައިދީންނާއި ބަންދު މީހުންނަށް އީމެއިލްގެ ޒަރިއްޔާއިންނާއި، ފޯނުގެ ޒަރިއްޔާއިން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ފަހި ކޮށްދީފައިވާ ވާހަކަ ދަންނަވަން" އެ ބާޔާނުގައި ބުނެފައިވއެވެ.

ޝަކުވާ ހުށަހަޅުއްވާނީ އީމެއިލް މެދުވެރިކޮށް ނަމަ [email protected] އަދި ފޯނުން ނަަމަ 9421111 އަށް މެސެޖް ކުރައްވައިގެންނެވެ. ފޯނުން ޝަކުވާ ހުށަހަޅުއްވާނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 9:00 އިން މެންދުރު 14:00 އަށްކަމަށް ހޯމްއެފެއާޒުން ވަނީ ބުނެފައެވެ.

ޕެރޯލް ގާނޫނުގެ 10ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ޖަލުތައް އިމާރާތް ކޮށްފައި ހުންނަނީ ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިންތޯއާ ގައިދީންނަށް ލިބެންޖެހޭ އެންމެ އަސާސީ ހިދުމަތްތައް ލިބިގެން ދޭތޯއާ ގައިދީންނާއި މެދު އަމަލުކުރަނީ އެމީހުންނާއި މެދު އަމަލުކުރަންޖެހޭ އުސޫލުތަކާއި ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިންތޯ އިންސްޕެކްޓަރު އޮފް ކަރެކްޝަނަލް ސަރވިސް ބަލަން ޖެހޭނެ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ޖަލުތަކުގައި ތިބޭ ބަންދު މީހުންނާއި ގައިދީންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ގައިދީންގެ އާއިލީ ބައްދަލުވުންތައް ހުއްޓާލުމަށްފަހު އާއިލީ ބައްދަލުވުންތައް މިހާރު ދެނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.