މިވަގުތު ރާއްޖޭގެ ހާލަތު އޮތް ގޮތުން ޝަރީއަތްތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިޔަށް ގެންދިއުމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމަށް ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ތައުރީފު ކުރައްވައިފިއެވެ.

ސުޕްރީމް ކޯޓުން އިއްޔެ ވަނީ ޖިނާއީ މައްސަލަތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިޔަށް ގެންދާނެ ގޮތުގެ ގަވާއިދެއް އެކުލަވާލާފައެވެ. އެ ގަވާއިދަކީ ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއާތުގެ ގަވާއިދުގެ ބަޔަކަށް އަމަލުކުރުމުގެ ގަވާއިދަށް ވަގުތީ ގޮތުން ހުއްޓާލުމަށްފަހު އަމަލުކުރަން ފަށާ ގަވާއިދެކެވެ. އެގޮތަށް އެކޯޓުން އަމަލު ކުރަން ފެށީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ހާލަތު މިހާރު އޮތް ގޮތުންނެވެ.

އެކަމަށް ތައުރީފު ކުރައްވާ ޕީޖީ ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޮވިޑް-19 އާ އެކު އުޅެން އެންމެން ވެސް ދަސްކުރުންޖެހޭނެ ކަމަށެވެ. އޭގެތެރޭގައި އަދުލުގެ ނިޒާމުވެސް ހިމެނޭކަން ފާހަގަކުރައްވާ ޝަމީމް ވިދާޅުވީ ސުޕްރީމް ކޯޓުން ވީޑިއޯ ކޮންފަރަންސް މެދުވެރިކޮށް ޝަރީއަތް ކުރުމުގެ ނިޒާމަކީ ލިބިގެން ދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ޕީޖީ އޮފީހުގައި ވެސް ވީޑިއޯ ކޮންފަރަންސް 10 ސިސްޓަމް މިއަހަރު ތެރޭ ބަހައްޓާނެ ކަމަށާއި އެކަމުގެ ސަބަބުން ހަރަދު ކުޑަވެ ވަގުތު ސަލާމަތްވެ މައްސަލަތައް އަވަސްވާނެ ކަމަށެވެ.

https://twitter.com/HuShameem/status/1248214159184900098?s=20

ޝަމީމް މިފަދައިން ވިދާޅުވިއިރު ކޮވިޑް-19 އާ ގުޅިގެން ސުޕްރީމް ކޯޓުން ނެރެފައިވާ ސާކިއުލާއާ ގުޅިގެން މަޖިލިސް މެންބަރުން އަންނަނީ ފާޑު ވިދާޅުވަމުންނެވެ. ހާއްސަކޮށް ޖުޑީޝަރީ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުން އަންނަނީ އެކަމަށް ފާޑު ވިދާޅުވަމުންނެވެ. ނަމަވެސް ޖުޑީޝަލް ސާވިސް ކޮމިޝަނުން ބުނެފައިވަނީ އެ ސާކިއުލާގެ ސަބަބުން ޝަރުއީ ދާއިރާގެ މުސްތަގިއްލު ކަމަކަށް އެއްވެސް ހުރަހެއް ނާރާނެ ކަމަށެވެ.