ރާއްޖޭގައި އަދިވެސް ކޮވިޑް-19 ނެތޭ ބުނަން އުނދަގޫ ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ އަމީން ވިދާޅުވީ ރާއްޖެ އިން ކޮންމެ ދުވަހަކު ބަލި ޖެހިފައި ހުރި މީހަކު ނުފެނުނު ނަމަވެސް ރާއްޖޭގައި ކޮވިޑް-19 ނެތް ކަމަށް ބުނަން އުނދަގޫ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖެ އިން މިހާތަނަށް ބަލި ފެނުނު މީހުންނަކީ ރިސޯޓްތަކުގައި ތިބި މީހުންނާއި، އަދި ރާއްޖެ އިން ބޭރުން އައި މީހުންގެ ގައިން ކަމަށާއި އެމީހުންގެ ގައިން ބަލި ފެތުރިގެން ދިޔަ ކަމުގެ ސާބިތު ނިޝާންތަކެއް ފެންނާކަށް ނެތް ކަމަށެވެ.

ނަމަވެސް ބައެއް ގައުމުތަކުގައި ބަލި ފެނުން މެދުކެނޑިފައި ކުއްލިއަކަށް ފެތުރިގެން ގޮސްފައި އެބަހުރިކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

"ކޮމިއުނިޓީ ސްޕްރެޑެއް ނެތްކަން ޔަގީން ކުރުމަށް ދިރާސާ ކުރަމުން މިދަނީ. ވަރަށް ސައިންޓިފިކަލް މެތަޑްތަކެއް ބޭނުން ކޮށްގެން ދިރާސާ ކުރަމުން މިގެންދަނީ." މިނިސްޓަރ ވިދާޅުވިއެވެ.

އެހެންކަމުން ރާއްޖޭގައި އަދިވެސް މިބަލި ފެތުރިދާނެކަމަށް ވިސްނައި ސަމާލުވެ ތިބުމަކީ ވަރަށް މުހިންމުކަމެއްކަމަށާ، ގައިދުރުކަން ބަހައްޓައިގެން އުޅުމުމަށް މިނިސްޓަރ އަމީން ވަނީ މިރޭ ވެސް އިލްތިމާސްކުރައްވާފައެވެ. ގޭގައި މަޑުކުރުމަށް ތަކުރާރުކޮށް އިލްތިމާސްކުރައްވަމުން މިނިސްޓަރ ވިދާޅުވީ، ސަރުކާރާއި ސްކޫލްތަކާއި އޮފީސްތަކާއި ކެފޭ، ރެސްޓޯރަންޓްތައް ބަންދުކޮށް ޢާންމުނަށް ބައެއް ޚިދުމަތްތައްދިނުން މަޑުޖައްސާލާފައިވަނީ ގޭގައި ރައްޔިތުން ބޭތިއްބުމަށްކަމަށެވެ.

"ހަވީރު ފަހަކުން އަށަކަށް ގޭގައި މަޑުކުރަން އޮތް އޮތުން ނިމުމަކަށް ގެނައުން، އޭގެ މާނައެއް ނޫނޭ އަޅުގަނޑުމެން ހުރިހާކަމެއް ވީއްލިގެން ދިޔައީއޭ. އަދިވެސް ހާލަތު އިތުރަށް ގޯސްވެ ފިޔަވަޅު އަޅަންޖެހިއްޖެނަމަ ފިޔަވަޅު އަޅަމުން ގެންދާނަން." މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. މިހާރު އިއުލާން ކޮށްފައި އޮތް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިމަހުގެ 12 ވަނަ ދުވަހަށް ހަމަވާނެއެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ކުރުމާއި މެދު ގޮތެއް ނިންމަން މަޝްވަރާތައް ކުރިއަށްދާކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އެނޯ

    ކޮރޯނާ ވައިރަހާއި ބެހޭ ރާއްޖޭގެ ދުވަހު ތަފާސް ހިސާބުގެ ތެރެއަށް ޓެސްޓު ކުރެވުނު މީހުންގެ އަދަދު އިތުރު ކުރެއްވުން އެދެން. ގިނަބަޔަކު ހިތްހަމަޖެހޭނެ ކަމެއް.

  2. އެނޯ

    ކޯވިޑް-19 ރާއްޖޭގައި ނެތޭ ވިދާޅުވާން އުނދަގޫފުޅު ވެވަޑައިގަންނަވަނީ ޓެސްޓްތައް މަދުވީމަ. ކޮންމެ ދުވަހެއްގެ ތަފާސް ހިސާބަށް "ޓެސްޓް ކުރެވުނު އަދަދު" އިތުރު ކުރެއްވުން އެދެވިގެންވޭ.

  3. ނައީމް

    ވަޒީފަތަކުން ކަނޑާލާފަ ގޭގަމަޑުކުރުމަށް އަންގާފަ އަދި ބޭރަށް ނިކުމެއްޖެނަމަ ޖޫރިމަނާ ކުރާނެކަމުގެ އިންޒާރުވެސްދީފަ ދެން ގޭގެ ބިލްތަށްބޮޑުވީމާ ނިކަމެތިން އިތުރުހާސްކަމަކާއި ނުތަނަވަސްކަމުގެތެރޭގައި އަޅާލާނެ މީހަކުނެތް.. މި ހާލަތުގަވެސް %40 ކުޑަކުރާނެ ކަމަށްބުނެ ސަރުކާރުން ރައްޔިތުންނަށް ހެދީ ދޮގު/މަކަރު މިމަހުގެ ބިލްތަށް އަތްނުފޯރާވަރަށް މައްޗަށް ދުވަހަކުވެސް ބިލްތައް ބޮޑުނުވާހާވަރަށް ބޮޑުވެސްވެއްޖެ . އަދި މިމަހުގެ 19ރައިގެކުރިން ނުދައްކައިފިނަމަ %2 ޖޫރިމަނާ ކުރާނެކަމަށް އިންޒާރުވެސްދީފަ.