ދުނިޔޭގެ އެކި ހިސާބުތަކުގައި މިހާރު ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން އަވަށްޓެރި އިންޑިއާގެ ޓްރިވެންޑްރަމާއި ކޮޗިންގައި ދިރިއުޅޭ 144 އާއިލާއަކަށް ފޮނުވުމަށް ކެއަރ ޕެކޭޖްތަކާއެކު މޯލްޑިވިއަންގެ ފްލައިޓެއް މާދަމާ އިންޑިއާއަށް ދާނެ ކަން ސަރުކާރުން ހާމަކޮށްފިއެވެ.

މިއަދު ފޮރިން މިނިސްޓްރީން ވިދާޅުވީ، އެ ދެ ސިޓީގައި ދިރިއުޅޭ ދިވެހިންނަށް ކެއަރ ޕެކޭޖް ފޮނުވުމަށް 154 އެޕްލިކޭޝަން އެޕްރޫވް ކުރެވުނު ކަމަށެވެ. އަދި 144 އާއިލާއަކަށް ފޮނުވުމަށް ކެއަރ ޕެކޭޖް ހަވާލު ކުރެވުނު ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ.

އަދި އެ މިނިސްޓްރީން ވިދާޅުވީ، އެ ކެއަރ ޕެކޭޖްތައް އިންޑިއާއަށް ގެންދާ ގޮތަށް ހަމަޖެހިފައި ވަނީ މާދަމާ ޓްރިވެންޑްރަމްއަށް ދާ މޯލްޑިވިއަންގެ ފްލައިޓްގައި ކަމަށެވެ.

އަވަށްޓެރި ސްރީ ލަންކާގައި އާއި މެލޭޝިއާ އަށް ވެސް މީގެ ކުރިން ވަނީ ކެއާ ޕެކޭޖް ފޮނުވާފައެވެ.