ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ބަންދުކޮށްފައިވީ ނަމަވެސް ޝަރުއީ ދާއިރާއަށް މަޑުޖެހުމެއް ނުގެނައުމުގެ ގޮތުން ކޮންމެހެން ހިންގަންޖެހޭ ޝަރީއަތްތައް ހިންގުމުގެ ގޮތުން ހުކުރު ހޮނިހިރު ފިޔަވާ ހަފްތާގެ އެހެން ހުރިހާ ދުވަސްތަކުގައި ކްރިމިނަލް ކޯޓް ހުޅުވަން ނިންމައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގެ އިސްގާޒީގެ މަސްއޫލިއްޔަތާއި ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދު ހުސައިން ސޮއި ކުރައްވާ ނެރުއްވި އެންގުމެއްގައި ވިދާޅުވެފައިވަނީ ކޮވިޑް-19 ގެ ސަބަބުން ސަރުކާރު ބަންދުކޮށްފައިވީ ނަމަވެސް އަދުލު އިންސާފުގެ ހިދުމަތާއި ކޯޓުތަކުގެ ހިދުމަތް މެދުނުކެނޑި ރައްޔިތުންނަށް ލިބުމަކީ މުހިއްމު ކަމެއް ކަމަށެވެ.

އެ ކޯޓުން ކުރާ މަސައްކަތްތަކުގެ ތެރެއިން ބަންދާމެދު ގޮތެއް ނިންމުމަށް ބާއްވާ މަޖިލިސްތައް ބޭއްވުމާއި، އެކި ކަންކަމަށް ކޯޓު އަމުރު ނެރެދިނުމުގެ މަސައްކަތްތައް މެދު ކަނޑާ ނުލައި ކުރަމުން އަންނަކަން އެ އެންގުމުގައި ފާހަގަކޮށްފައިވެއެވެ.

ކްރިމިނަލް ކޯޓުން ބުނީ ސަރުކާރު ބަންދުކޮށްފައިވާ ދުވަސްތަކުގައި ވެސް ކޮންމެހެން ހިންގަންޖެހޭ ޝަރީއަތްތަކެއް ހިންގުމުގެ ގޮތުން ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި ހަފުތާގެ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ކުން މެންދުރުން ފަހު 15:00އަށް އެ ކޯޓު ހުޅުވަން ނިންމާފައިވާ ކަމަށެވެ. އެ ކޯޓުން ބުނީ މިފަދަ ބަލިމަޑުކަމެއް ފެތުރެމުން އަންނަ ދުވަސްވަރެއްގައި މީހުން އެހާ ގިނައިން ޝަރީއަތްތަކަށް ޖަމާނުވާނެ ފަދަ ގޮތަކަށް ކަންކަން ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ކަމަށާއި އެހެންކަމުން
މީހުން ކޯޓަށް ހާޒިރުކުރުމުގެ ބަދަލުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތްތަކާއި، ބަންދުގެ މަޖިލީސްތައް ކުރިއަށް ގެންދަން އިސްކަންދޭނެ ކަމަށެވެ. އެ އެންގުމުގައި ދިފާއީ ވަކީލުންނަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތްތަކުގައި ބައިވެރިވެވޭނެ ގޮތްތައް ވަނީ ބަޔާން ކޮށްދީފައެވެ.

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ބަންދުކޮށްފައިވީ ނަމަވެސް ޝަރުއީ ދާއިރާއަށް މަޑުޖެހުމެއް ނުގެނައުމުގެ ގޮތުން ކޮންމެހެން ހިންގަންޖެހޭ ޝަރީއަތްތައް ހިންގުމުގެ ގޮތުން ހުކުރު ހޮނިހިރު ފިޔަވާ ހަފްތާގެ އެހެން ހުރިހާ ދުވަސްތަކުގައި ކްރިމިނަލް ކޯޓް ހުޅުވަން ނިންމިއިރު ހައިކޯޓުން ވެސް ވަނީ ބަންދު ތެރޭގައި ޝަރީއަތްތައް ކުރިޔަށް ގެންދާނެ ގޮތްތައް ބަޔާންކޮށް އުސޫލެއް އެކުލަވާލައިފައެވެ.