ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަހާއި ގުޅިގެން އެކަމުން ރައްކާތެރިވުމަށް ސަރުކާރުގެ އެކި އިދާރާތަކުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެތައް ބައެއްގެ ހައްގުތައް ގެއްލިފައިވާ ކަމުގެ ޝަކުވާތައް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަށް ހުށަހަޅާފައިވާތީ އެ މައްސަލަތައް ބެލުމަށް ނިންމައިފިއެވެ.

އެޗްއާރްސީއެމް އިން ބުނީ ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން އެންމެ ބޮޑަށް އެ ކޮމިޝަނަށް ހުށަހަޅާފައި ވަނީ ވަޒީފާ ގެއްލިގެން ހުށަހަޅާފައިވާ ޝަކުވާތައް ކަމަށެވެ.

އެގޮތުން ރިސޯޓްތަކުގެ މުވައްޒަފުން ވަކި މުއްދަތެއް ނެތް ގޮތަށް މުސާރަ ނުދީ ގޭގައި މަޑުކުރުމަށް އަންގާ މައްސަލަތަކާއި ވަޒީފާގެ ގާނޫނާ ހިލާފަށް ޗުއްޓީ ނެގުމަށް މަޖުބޫރު ކުރުވާ މައްސަލަތައް ހިމެނޭ ކަމަށް އެޗްއާރްސީއެމް އިން ބުންޏެވެ. މީގެއިތުރުން ބައެއް ކުންފުނިންތަކުން މުވައްޒަފުން ވަޒީފާއިން ވަކި ކުރަމުން އަންނަ ކަމުގެ ޝަކުވާތައް ހުށަހަޅާފައިވާ ކަމަށް އެޗްއާރްސީއެމް އިން ބުނެއެވެ.

އެޗްއާރްސީއެމް އިން އަންނަނީ އެފަދަ ކުންފުނިތަކުން އެ މައުލޫމާތުތައް ހޯދާ އެކަން ލޭބާ ރިލޭޝަން އޮތޯރިޓީއާ ޓޫރިޒަމް މިނިސްޓްރީގެ އިތުރުން އިކޮނޮމިކް މިނިސްޓްރީގެ ސަމާލުކަމަށް އެކަން ގެންނަމުންނެވެ. އަދި އެ މައްސަލަތައް ބެލުމަށް އެ އިދާރާތަކަށް އެޗްއާރްސީއެމް އިން ވަނީ އެދިފައެވެ.

މީގެއިތުރުން އެޗްއާރްސީއެމް އިން ވަނީ ކޮވިޑް-19 އާ ގުޅިގެން ކަރެކްޝަނަލް ސާވިސް އިން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ގައިދީންގެ ފަރާތުން ޝަކުވާތަކެއް ލިބިފައިވާ ކަމަށްވެސް ބުނެފައެވެ. އެގޮތުން ޖަލު އޮފިސަރުންނާއި ބަންދު މީހުންނާއި ދެމެދު ހިނގި ހަމަނުޖެހުމެއްގައި ބަންދު މީހުންނަށް އަނިޔާވި މައްސަލައެއް ލިބިފައިވާ ކަމަށް އެޗްއާރްސީއެމް އިން ބުންނެވެ. އެކަމާއި ގުޅިގެން ކަރެކްޝަނުން ވަނީ އެކަން ހިނގާދިޔަ ގޮތް ސާފު ކޮށްދީފައެވެ.

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އިދާރާތަކުން ވަނީ ތަފާތު އެކިއެކި ފިޔަވަޅުތައް އަޅާފައެވެ. ނަމަވެސް ސަރުކާރުގެ އެއްވެސް އިދާރާއަކުން މުވައްޒަފުންގެ މުސާރަތައް ކުޑަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަތައް ކުޑަކުރުމާއި ނޯޕޭ ދިނުމާއި މިފަދަ އެތައް މައްސަލައެއް އަންނަނީ ފެންމަތިވަމުންނެވެ. އަދި މި މައްސަލަތައް ކަމާ ގުޅުންހުރި ސަރުކާރު އިދާރާތަކުން އަންނަނީ ބަލަމުންނެވެ.