ކޮވިޑް-19 އާ ގުޅިގެން ފަރުދުންނަށާއި ވިޔަފާރިތަކަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ ލޯނުތައް ފަސް ކޮށްދިނުމުގެ ގޮތުން 12،000 ފަރާތަކުން ހުށަހަޅާފައިވާ ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލް އިން ނަގާފައިވާ ލޯނުތައް ދެއްކުން ހަމަސް ދުވަހަށް ފަސްކޮށްދީފައި ވަނީ ކޮވިޑް-19 ގެ ސަބަބުން ރައްޔިތުންނަށާއި ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުންނެވެ.

މިމަހުގެ 2 ވަނަ ދުވަހުން ފެށިގެން ވަކިވަކިން ކޮންމެ ކަސްޓަމަރަކަށް ވެސް ފަސޭހައިން ލޮގިން ކުރެވޭ ގޮތަށް ލޯނާއި ގުޅޭ ހުރިހާ މައުލޫމާތު އެކުލެވޭ އަދި ލޯނު އަނބުރާ ދެއްކުން ފަސްކުރުމަށް އެދި ހުށަހަޅޭ ގޮތަށް ބޭންކުން ވަނީ އޮންލައިން ޕޯޓަލްއެއް ގާއިމްކޮށް ކަސްޓަމަރުންނަށް ހުޅުވާލާފައެވެ.

ލޯނު އަނބުރާ ފަސްކޮށްދިނުމަށް އެދި ހުށަހެޅުމުންވާނެ ގޮތް:

• ފުރަތަމަ 6 މަސްދުވަސް : މި މުއްދަތުގައި ބޭންކަށް އެއްވެސް ފައިސާއެއް ދައްކާކަށް ނުޖެހޭނެއެވެ. މި މުއްދަތުގައި އިންޓަރެސްޓް ނަގާނީ ކޮމްޕައުންޑްކޮށެއް ނޫނެވެ. މާނައަކީ އިންޓަރެސްޓް މައްޗަށް ބޭންކުން އިތުރު އިންޓަރެސްޓެއް ނުނަގާނެއެވެ.
• ޖެހިގެން އަންނަ 6 މަސްދުވަސް : ކޮންމެ މަހަކަށް ދައްކަން ޖެހޭނީ މިހާރު ލޯނަށް ދައްކަމުންދާ އަދަދަށްވުރެ %20 މަދު އަދަދެކެވެ.
• ލޯނުގެ ބާކީ މުއްދަތު: ލޯނުދެއްކުން ފަސްކުރެވުނު ފުރަތަމަ 6 މަސްދުވަހުގެ އިންޓަރެސްޓް ލޯނަށް ދައްކަންޖެހޭ ފައިސާގެ ތެރޭގައި ހިމެނުމަށްފަހު ލޯނަށް ދައްކަންޖެހޭ ޖުމްލަ ފައިސާ ބާކީ މުއްދަތަށް ބަހާލާނީއެވެ.
• ލޯނު އަނބުރާ ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތަށް ވަނީ ހަ މަސްދުވަސް އިތުރު ކުރެވިފައެވެ.

ލޯނު ފަސްކޮށްދިނުމަށް ބޭނުންވާ ކަސްޓަމަރުންނަށް މިއަހަރުގެ ސެޕްޓެމްބަރު މަހާއި ހަމައަށް އެ ފުރުސަތު އޮންނާނެ ކަަމަށް ބީއެމްއެލުން ވަނީ ބުނެފައެވެ. އަދި މި މުއްދަތު ތެރޭގައި ކަސްޓަމަރުން ބޭނުން ވަގުތަކު ލޯނު ދެއްކުން ފަސްކޮށްދިނުމަށް އެދެވިދާނެ ކަމަށްވެސް ބީއެމްއެލުން ބުނެފައިވެއެވެ.

ލޯނު އަނބުރާދެއްކުން ފަސްކޮށްދިނުމުގެ މުއްދަތު ގުނަން ފަށާނީ މިކަމަށް އެދި ހުށަހަޅާ މަހުން ފެށިގެންނެވެ. އަދި ލޯނަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ހުންނަތާ 30 ދުވަހަށްވުރެ އިތުރުވެގެން ނުވާނެއެވެ.

ބީއެމްއެލްގެ އިތުރުން ބީއެމްއެލް އިސްލާމިކް ކަސްޓަމަރުން ނަގާފައިވާ ޕާސަނަލް، ހައުސިން، އަދި ބިޒްނަސް ފައިނޭންސިން ތެރެއިން މުރާބަހާ ފައިނޭންސިން ފިޔަވައި ހުރިހާ ފައިނޭންސިން އަކަށްވެސް އަނބުރާ ދައްކަންޖެހޭ ފައިސާ ދެއްކުން ފަސްކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.