ކޮވިޑް-19ގެ ފަރުވާއަށް ބޭނުން ކުރެވޭނެކަމަށް ސިއްހީ މާހިރުން ވިދާޅުވާ ބޭހެއްކަމަށްވާ "ހައިޑްރޮކްސީކްލޮރޯކްއީން" ރާއްޖެއަށް އެކްސްޕޯޓްކުރުމުގެ ހުއްދަ އިންޑިއާއިން ދިނުމުން، އެކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ޝުކުރު އަދާކުރައްވައިފިއެވެ.

އިންޑިއާއިން ބޭރުކުރުން މަނާކޮށްފައިވާ މި ބޭސް ބޭރުކުރުމަށް ހުއްދަ ދީފައިވަނީ ރާއްޖެ ހިމެނޭ ގޮތަށް ދުނިޔޭގެ 13 ޤައުމަކަށެވެ. އޭގެ ތެރޭގައި ޑޮމިނިކަން ރިޕަބްލިކް، އެމެރިކާ، ސްޕެއިން، އަފްގާނިސްތާން، ބަހްރެއިން، ބަންގްލަދޭޝް، ސީޝެލްސް، މޮރިޝިއަސް، ބްރެޒިލް، ނޭޕާލް، ބޫޓާން އަދި ރާއްޖެއެވެ.

ރާއްޖެއަށް ބޭސް ބޭރުކުރުމުގެ ހުއްދަ ދީފައިވާއިރު، އިންޑިއާއިން ވަނީ އެޤައުމުން ބޭރުކުރުން ކޮންޓްރޯލް ކޮށްފައިވާ އެހެން ބައެއް ބާވަތްތަކުގެ ބޭސްވެސް ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ ދީފައެވެ. އިންޑިއާއިން ރާއްޖެއަށް ފޮނުވުމަށް ހަމަޖެހިފައި ވަނީ ދެ ލައްކަ ޓެބްލެޓެވެ.

ރާއްޖެއަށް ބޭނުންވާ އަސާސީ ބޭހުގެ 3 މަސްދުވަހުގެ ޝިޕްމަންޓެއް ހިލޭ ދީފައިވާއިރު، ކޮވިޑް-19 އާއި ގުޅިގެން އެސް.ޓީ.އޯ އިން އޯޑަރުކުރި ބޭސްތަކުގެ ޝިޕްމަންޓް ރާއްޖެއަށް ނުގެނެވި ތާށިވުމުން، އެތަކެތި އިންޑިއާއިން ވަނީ ރާއްޖެއަށް ހިލޭ ގެނެސްދީފައިވެއެވެ. އިންޑިއާއިން އެ ބޭސްތައް ރާއްޖެއަށް ގެނެސްފައިވަނީ އެޤައުމުގެ 5 ސިޓީއެއްގައި ހުއްޓައި، އެޤައުމުގެ އެއަރފޯސް މަތިން ދާބޯޓެއްގައެވެ.

ކޮވިޑް-19 އާއި ގުޅިގެން ދިމާވެފައިވާ ޙާލަތުގައި އިންޑިއާގައި އުފައްދާ ކާޑުގެ ބައެއް ބާވަތްތަކާއި އެހެނިހެން ބައެއް އަސާސީ މުދާ އެޤައުމުން ބޭރުކުރުން މަނާކޮށްފައިވީ ނަމަވެސް، ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ ހުއްޓުމެއް ނެތި ލިބޭނެކަމުގެ ޔަޤީންކަން އެގައުމުގެ ސަރުކާރުން ވަނީ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ފާއިޒް

    ބޭސް ހުރިއިރު ދެން ކީއްވެ އިންޑިޔާ ކޮންޓްރޯލް ނުކުރެވިގެން މިއުޅެނީ ތިކަމުގައި ކޮބްމެވެސް ނުބައި ރޭވުމެއް އެބަވޭ .. ދެން ކޮބާ އިންޑިޔާއިން ފޮނުވި ސިއްހީ މާހިރުންގެ ޓީމް އެމީހުން މިރާއްޖެ ތެރެވެފައި ވީތަނެއް އިނގޭތަ....

  2. ައހުމަދު

    ކޮވިޑް އަށް ބޭނުންކުރާ ބޭހެއް ނޫން...މެލޭރިޔާ އަށް ބޭނުން ކުރާ ބޭހެއް....ކޮވިޑަށް އަދި ބޭހެއް ވެކްސިނެއް ނެތް

  3. ދަންބެރު

    މުޅިދުނިޔެ ކޮވިޑު 19 އަށް ބޭހެއް ނުއުފެއްދިގެން އުޅޭއިރު އިންޑިއާއިން ތިބޭސްއުފެއްދި ގޮތެއް ބުނެދީބަލަ މަކަރާޖަހައިގެން ދުނިޔެކާލަން ނޫޅުއްވާ ތެދުމައުލޫމާތު ފޯރުކޮށްދިނުމަށް އެދެން.

  4. ޑެއިލް

    އިންޑިޔާއިން އެގައމުމުގެ އަވަށްތަކަށް ބޭސް ކާޑުފަދަ ބާވަތް ދޭނެ.