ކޮވިޑް-19 އާ ގުޅިގެން އިގްތިސާދަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމުގެ ގޮތުން ދަނޑުވެރިކަން ފުޅާ ކުރުމަށް ސަރުކާރުން ވިސްނި އިރު، ލޯނު ނޫން ގޮތުގައި ދަނޑުވެރިކަމަށް ބޭނުންވާ އެހީތެރިކަން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ އިގްތިސާދީ ކޮމިޓީން ބޭއްވި ބައްދަލުވުމެއްގައި ރިޒާ ވިދާޅުވީ 2010 ވަނަ އަހަރު ދަނޑުވެރިކަން ކުރުމަށް ވަނީ ސަރުކާރުން ޕެކޭޖްތަކެއް ދޫކޮށްފައިވާ ކަމަށާއި، މިއީ ލޯނު ދިނުމުގެ ބަދަލުގައި އެފަދަ ޕެކޭޖްތަކެއް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދޭންވީ ދަނޑިވަޅު ކަމަށެވެ.

އަދި ލޯނަކީ އެތައް ހަރުފަތްތަކެއް ފުރިހަމަ ކުރުމަށް ދިގު މުއްދަތެއްގެ ތެރޭގައި ދޭ ފައިސާއެއް ކަމަށާއި، މިހާރުން މިހާރަށް ދަނޑުވެރިކަން ފުޅާ ކުރާ ކަމުގައިވާ ނަމަ ލޯނު ދިނުން އަވަސް ކުރުން ވެސް މުހިންމު ކަމަށް ރިޒާ ވިދާޅުވިއެވެ.

އަލަށް ދަނޑުވެރިކަން ފަށައިގަންނަ މީހުންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެފައިވާތީ މެމްބަރު ރިޒާ ވަނީ މިހާރު ދަނޑުވެރިކަން ކުރާ މީހުންނަށް އޮތީ ކޮން ފުރުސަތެއްތޯ ސުވާލު ކުރައްވައިފައެވެ.

ރިޒާގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޒަހާ ވިދާޅުވީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އަންނަ މަހުން ފެށިގެން ދަނޑުވެރިން އުފައްދާ ތަކެތި ބަލައިގަންނާނެ ކަން އިއުލާންކޮށްފައިވާ ކަމަށެވެ. އެއީ މިހާރު ދަނޑުވެރިކަން ކުރަމުންދާ މީހުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެއް ކަމަށް ޒަހާ ވިދާޅުވިއެވެ.

މިނިސްޓްރީ އިން މަސައްކަތް ކުރަނީ ދަނޑުވެރިކަމުން އުފައްދާ ތަކެތި ގަންނަ މީހުންނާ އެކު ކޮންޓްރެކްޓެއް ހަދައިގެން ކުރިއަށް ދިއުމަށް ކަމަށާއި، މިއީވެސް މިހާރު ދަނޑުވެރިކަން ކުރަަމުންދާ މީހުންނަށް ފައިދާ ވާނެ ކަމެއް ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

"ކުރިއަށް އޮތް ތަނުގައި ރަށްތަކެއް އިއުލާން ކުރެވިގެންދާނެ. އަދި ކޮން ލުއި ގޮތްތަކަކަށް ތޯ، ކޮން ކަންތައް ތަކެއްތޯ ފުރިހަމަ ކުރަން ޖެހޭނީ ބެލުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރަމުން" މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.