ޏ. ފުވައްމުލަކު ކައުންސިލުން ހުއްދަ ނުހޯދައި އަލަނިރުތައް ފުވައްމުލަކުން ބޭރުނުކުރުމަށް އެ ސިޓީގެ ކައުންސިލުން އަންގައިފިއެވެ.

އެ ސިޓީގެ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ، ފުވައްމުލަކުން އަލަނިރު ބޭރުކުރުމާއި ބެހޭ: އްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ ޤާނޫނުގެ ދަށުން ހެދިފައިވާ ރުއްގަސް ކެނޑުމާއި، އުފުރުމާއި، ކޮނެގެން ނެގުން އަދި އެއްރަށުން އަނެއްރަށަށް ގެންދިއުމާއި ގުޅޭ ގަވާއިދެއް ހަދާފައިވާ ކަމަށާއި،ނަމަވެސް އެ ގަވާއިދަށް އަމަލު ކުރަމުން ނުދާ ކަމަށެވެ.

އެގޮތުން އެ ކައުންސިލުން ބުނީ، ޤަވާއިދުގެ ދަށުން ހަދާފައިވާ "ފުވައްމުލަކުން ރުއްގަސް ކެނޑުމާއި، އުފުރުމާއި އަދި ބޭރު ކުރެވޭނެ ގޮތުގެ އުސޫލް"ގައި ވާގޮތުން، ފުވައްމުލައް ސިޓީއިން އެއްވެސް ބާވަތެއްގެ ގަހެއް ކަނޑައި ބޭރުކުރެވޭނީ ފުވައްމުލައް ސިޓީ ކައުންސިލުން ހުއްދަ ހޯދައިގެންނެވެ.

ނަމަވެސް ފުވައްމުލައް ސިޓީ އިން މިހާރަކަށް އައިސް ގިނަ އަދަދެއްގެ އަލަނިރު ކަނޑައި، ބޭރު ކުރަމުން ދާކަން ފާހަގަކުރެވިފައި ވާ ކަމަށް އެރަށު ކައުންސިލުން ވިދާޅުވިއެވެ.

އެހެންކަމުން އެ ސިޓީއިން އަލަނިރު ބޭރުކުރެވޭނީ ކައުންސިލުން މިކަމަށް ހޯދަންޖެހޭ ޚާއްސަ ހުއްދަ ހޯދައިގެން ކަަމަށާއި، އެއްވެސް ފަރާތަކުން ކައުންސިލުން ހުއްދަ ނުހޯދައި އަލަނިރުތައް ފުވައްމުލަކުން ބޭރުނުކުރުމަށް އަންގާ ކަމަށް އެ އިއުލާނުގައި ވެއެވެ.