މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި ދިވެހި މީހާ ފައްސިވީ 14 ދުވަސް ވަންދެން ކަރަންޓީންގައި ބެހެއްޓުމަށް ފަހު ދޫކޮށްލަން ވެގެން ޓެސްޓް ކުރިއިރު ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އައިޖީއެމްއެޗްގެ ޑޮކްޓަރ މޫސާ މުރާދު ވިދާޅުވީ އޭނާ އާއި ބައްދަލުވެފައިވާ މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އަދި އޭގެ ތެރެއިން ޓެސްޓް ކުރަން ޖެހޭ މީހުން ޓެސްޓް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ހެނދުނު ވިދާޅުވީ ފައްސިވީ އެރިޔަދޫ ކަރަންޓައިން ފެސިލިޓީ ގައި ކަރަންޓީނު ކުރެވިފައިވާ މީހެއް ކަމަށެވެ. އޭނާ އަކީ ފިލިޕީންސް އިން އެނބުރި އައި މީހެއް ކަމަށް ވެސް އެޗްޕީއޭ އިން ވިދާޅުވިއެވެ. އޭނާ އަކީ މި ބައްޔަށް ފައްސިވި ފަސް ވަނަ ދިވެހި މީހާއެވެ.

މިހާތަނަށް ރާއްޖެ އިން 20 މީހަކަށް ވަނީ ކޮވިޑް-19 ޖެހިފައެވެ. އޭގެތެރެއިން 14 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ. އަދި ދެމީހަކު ވަނީ ރާއްޖެ އިން ފުރައިގެން ގޮސްފައެވެ. އެހެންކަމުން މިހާރު ރާއްޖޭގައި ތިބީ ކޮވިޑް-19 ޖެހިފައި ތިބި ހަތަރު މީހެކެވެ. އެ ހަތަރު މީހުންނަކީ ވެސް ދިވެހިންނެވެ.

ފިލިޕިންސްގައި ކިޔަވަން ތިބި ދަރިވަރުންތަކެއް، ސަރުކާރުން ޗާޓަރު ކުރި ފްލައިޓެއްގައި މީގެ ދެހަފުތާއެއްހާ ދުވަސް ކުރިން ވަނީ ރާއްޖެ ގެނެސްފަ އެވެ. ދެފަހަރެއްގެ މަތިން 47 ދިވެއްސަކު ފިލިޕިންސުން ރާއްޖެ ގެނެސްފައި ވެއެވެ.

ރާއްޖެ އިން މިއަދު ކޮވިޑް-19 އަށް މީހަކު ފައްސިވެފައިވާއިރު މީގެ ކުރިން އެންމެ ފަހުން ރާއްޖެ އިން މީހަކު ފައްސިވީ އޭޕްރީލް 01 ވަނަ ދުވަހު އެވެ.

މިއަދު ފައްސިވި މީހާގެ ކުރިން ރާއްޖެ އިން ފައްސިވި ހަތަރު ދިވެހިންނަކީ ވެސް އިނގިރޭސިވިލާތުން ރާއްޖެ އައި މީހުންނެވެ.

ފިލިޕީންސަކީ ކޮވިޑް-19 ވަރަށް ބާރަށް ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރު އޮތް ގައުމެކެވެ. އެގައުމުން މިހާތަނަށް 4428 މީހަކު ކޮވިޑް-19 އަށް ފައްސިވެ 247 މީހަކު ވަނީ މަރުވެފައެވެ. ކޮވިޑް-19 ކޮންޓްރޯލް ކުރަން ފިލިޕީންސް މިހާރު ވަނީ ފުރަބަންދު (ލޮކްޑައުން) ކޮށްފައެވެ. ފުރަބަންދުގެ އަމުރާއި ހިލާފުވާ މީހުން މަރާލަން ފިލިޕީންސްގެ ރައީސް ވަނީ ސަލާމަތީ ބާރުތަކަށް އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޭލިޢުނަތު

    ????

  2. ޫޔިމަ

    އެއީ ސަރުކާރުން ޗާޱަރ ކުރި ފުލައިޓެއް ނޫން. ތެދު ދޮގު ބަލާފަ ޚަބަރު ޕޯސްޓްކޮށްބަލަ