ކޮވިޑް-19 ގެ އަލާމާތްތައް ހުރި ގްރޭންޑް ޕާކް ކޮށްދިއްޕަރު މޯލްޑިވްސް ރިސޯޓްގެ މުވައްޒަފަކުގެ ހާލުދެރަވެގެން ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެނެސް އޭނާ އަށް ފަރުވާ ދޭން ފަށައިފިއެވެ.

މިރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާނު މަބްރޫކު ޢަޒީޒް ވިދާޅުވީ ކޮއްދިއްޕަރުން ކޮވިޑް-19 ގެ އަލާމާތްތައް ފެނުނު މީހާގެ ފުރަތަމަ ޓެސްޓް ނައްސި (ނެގެޓިވް) ވެފައިވާ ކަމަށެވެ. ނަމަވެސް އޭނާގެ ދެވަނަ ސާމްޕަލް ނަގައި ނިމެންދެން އޭނާ އާއި ކޮންޓެކްޓްވި މީހުން އެކަހެރި ކުރަން ޑޮކްޓަރުން ނިންމާފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

"ގްރޭންޑްޕާ ކޮއްދިއްޕަރު ވަނީ މޮނިޓަރިން ހާލަތަށް ގެނެސްފައި. އެ ރިސޯޓުގައި ހުރި ބިދޭސީ މީހެއްގެ ގައިން ބަލީގެ އަލާމާތްތަކެއް ފެނުމާ ގުޅިގެންނާއި އޭނާގެ ހާލު ބޮޑުވެގެން އޮތީ ޓްރީ ޓޮޕްގައި. އޭނާގެ ފުރަތަމަ ސާމްޕަލް ނެގަޓިވް. ދެ ވަނަ ސާމްޕަލް ނެގަޓިވް ވާނެ އިރަކަށް މި މަޑު ކުރަނީ." މަބްރޫކް ވިދާޅުވިއެވެ.

އެހެންކަމުން ކޮއްދިއްޕަރު މިހާރު އޮތީ މޮނިޓަރިންގެ ހާލަތައް ގެނެސްފައެވެ. މޮނިޓަރިންގެ ހާލަތުގައި އެރަށުން މީހުން ފޭބުމާއި، ރަށަށް މީހުން އެރުމަކީ މަނާ ކަމެކެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ވިދާޅުވީ >ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން، ގްރޭންޑް ޕާކް ކޮށްދިއްޕަރުން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން، ބިދޭސީއެއްގެ ސާމްޕަލް ވަނީ ނެގިފައި ކަމަށެވެ. އެ ރިސޯޓު މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެވިފައި ކަމަށް ވެސް އެޗްޕީއޭ އިން ކުރި ޓްވީޓެއްގައި ވިދާޅުވިއެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.

ރާއްޖެ އިން މިހާތަނަށް 20 މީހަކަށް ކޮވިޑް-19 ޖެހިފައި ވާއިރު އޭގެތެރެއިން 14 މީހަކު މިހާރު ބަލިން ރަނގަޅު ވެއްޖެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސީނު

    ކަރަންޓީނުކުރަނީ އެކަހެރި ރިސޯޓުތަކުގަ. އެކަމަކު ހާލަތިގޯސްވީމަ މިގެންނަނީ މާލެ ހުޅުމާލެ. ރާއްޖޭގެ އެންމެ އާބާދީ ބޮޑުތަނަށް. މީތި ހަމައެއްނުޖެހެއެންނު ..ކޮވިޑްމީހުންނަށް ފަރުވާކުރަން ވަކިރަށެއްގައި ހޮސްޕިޓަލެއްއަޅާބަލަ. ޓްރީޓޮޕަކީ އެންމެންވެސް ދާންހުރިތަން