ކޮވިޑް-19 އާ ގުޅިގެން ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި ދިރިއުޅޭ ދިވެހިންނަށް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބައެއް ތަކެތި ހޯދުމަށް ދަތިތަކެއް ކުރިމަތިވެފައިވާތީ އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކެއާ ޕެކޭޖް ފޮނުވުމުގެ ފުރުސަތު ފޮރިން މިނިސްޓްރީން ރޭ ހުޅުވާލައިފިއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ބެންކޮކްގައި ތިބި ދިވެހިންނަށް އެހީތެރިވުމުގެ ގޮތުން އަންނަ ބުރާސްފަތި ދުވަހު މޯލްޑިވިއަންގެ ފްލައިޓެއް އެ ގައުމަށް ދަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. ބެންކޮކްގައި ތިބި ދިވެހިން ބޭނުންވާ ތަކެތި މި ފްލައިޓުގައި ހިލޭ ފޮނުވޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އެކަމަކު، ބެންކޮކަށް ތަކެތި ފޮނުވޭނީ ކަނޑައެޅިފައިވާ އުސޫލެއްގެ ތެރެއިން ފޯމް ހުށަހަޅައިގެން ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ތަކެތި ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ހޯލް ކައިރީގައި ބަހައްޓާފައި ހުރި ކައުންޓަރުތަކުން އަންނަ ބުދަ ދުވަހުގެ ހެނދުނު 9:00 އިން މެންދުރު ފަހު 3:00 ޖެހުމާ ހަމައަށެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ކާގޯގެ ގޮތުގައި ބެންކޮކަށް ފޮނުވޭނެ ތަކެތީގެ ތެރޭގައި މަސް ދަޅު، ނޫޑުލްސް، ރިހާ ކުރު، ހިކި މަސް، މުގުރި މަސް، ވެކިއުމް ޕެކްޑް ވަޅޯމަސް، މަސް ޕެކެޓް، ފަތް ޕެކެޓް، ސަމްބޯލް، ޗިލީ ޕޭސްޓް، މަސް މިރުސް ފަދަ ތަކެއްޗެވެ.

ބެންކޮކްގެ އިތުރުން ސަރުކާރުން ވަނީ އިންޑިއާ އާއި ސްރީ ލަންކާގައި ތިބި ދިވެހިންނަށް ކެއާ ޕެކޭޖްތައް ފޮނުވައިފައެވެ.