ޤާނޫނާއި ހިލާފަށް ސަލާމް ބުނި މެޖިސްޓޭޓަކަށް ނަސޭހަތް ދިނުމަށާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކަނޑައަޅާ ތަމްރީނެއް ފުރިހަމަ ކުރަން އެންގުމަށް ޖޭއެސްސީ އިން ނިންމައިފިއެވެ.

ޖޭއެސްސީ އިން މިއަދު ވިދާޅުވީ މިފިޔަވަޅު އެޅީ ބ.ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް، އަޙުމަދު ލަޠީފަށް ކަމަށެވެ.

ޖޭއެސްސީ އިން ވިދާޅުވީ އިސްމެޖިސްޓްރޭޓް، އަޙުމަދު ލަޠީފްގެ މައްސަލަ ބެލީ ސަލާމް ބުނުމުގެ އުޞޫލާ ޚިލާފަށް ސަލާމްބުނާކަމަށް ހުށަހެޅުނު ޝަކުވާ އަކާއި ގުޅިގެންނެވެ. އެމައްސަލަ ބެލުމުން އިސްމެޖިސްޓްރޭޓް އަޙްމަދު ލަޠީފު ފަނޑިޔާރުކަމުގެ މަސްޢޫލިއްޔަތާއި ވާޖިބުތައް އަދާކުރުމުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 151 ވަނަ މާއްދާ އާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 2 ވަނަ މާއްދާގެ (ށ) އާއި، 32 ވަނަ މާއްދާގެ (ހ) އާއި، 33 ވަނަ މާއްދާގެ (ށ) އާއި، ހަމަ އެ ޤާނޫނުގެ 65 ވަނަ މާއްދާ އާއި، ވަޒީފާއާބެހޭ ޤާނޫނުގެ 42 ވަނަ މައްދާގެ (ށ) އާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 2.2 އާއި 8.2 އާއި 6.5 ވަނަ ނަންބަރާ ކަނޑައެޅިގެން ޚިލާފުވެފައިވާކަމަށް ކޮމިޝަނަށް ފެންނަކަމަށް ވެސް ޖޭއެސްސީ އިން ވިދާޅުވިއެވެ.

އެހެންކަމުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ 1- 32 ވަނަ މާއްދާގެ (ހ)ގެ (1) ވަނަ ނަންބަރުގެ ދަށުން، އިސްމެޖިސްޓްރޭޓް އަޙްމަދު ލަތީފަށް ނަސޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރުމަށް އެންގުމަށް، ކޮމިޝަނުން ނިންމީ ކަމަށް ވިދާޅުވިއެވެ.

މިއަދު ވެސް ޖޭއެސްސީގެ ބައްދަލުވުން ބޭއްވީ އޮންލައިންކޮށެވެ. މިއަދުގެ ބައްދަލުވުމުގައި ޖޭއެސްސީގެ އަށް މެންބަރުން ބައިވެރިވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަސަން ބޭ---

    ކިޔަމަން ނުވާ މެޖިސްޓްރޭޓަށްތަ؟

  2. ހުމާ އަލީ

    ތީ އޭދަ ފުށި މީހެއް .....ތީ ނަމްބަރު 1 ރޝވތ