ފިލިޕީންސުން ރާއްޖެ އައި ދިވެހިންގެ ތެރެއިން ދިވެއްސަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައިވާތީ އޭނާއާ އެކު އެއް މަތިންދާބޯޓެއްގައި އައި އެންމެންގެ ކަރަންޓީންގެ މުއްދަތު ރިވިއު ކުރަމުން އަންނަ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) މިއަދު ބުނެފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ފިލިޕީންސުން ރާއްޖެ އަންނަން ބޭނުންވެފައި ތިބި މީހުންގެ ތެރެއިން 47 ދިވެއްސަކު، ސަރުކާރުން ވަނީ ރާއްޖެ ގެނެސްދީފައެވެ. އޭގެތެރޭގައި ހިމެނެނީ ޕައިލޮޓްކަން ކިޔަވާ ދަރިވަރުންނާއި މެޑިކަލް ސްޓޫޑަންޓުންނެވެ. އެ ހުރިހާ އެންމެން ވެސް ތިބީ އެރިޔަދޫ ކަރަންޓީނު ފެސިލިޓީތަކުގައެވެ.

އެރިޔަދޫ ކަރަންޓީން ފެސިލިޓީގައި ހުރި ދިވެއްސަކު ކޮވިޑް-19 އަށް ފައްސިވީ، އެމީހާ ކަރަންޓީނުގައި ހުންނަތާ 14 ދުވަސް ހަމަވެގެން ދޫކޮށްލުމަށް ޓެސްޓް ހެދުމުންނެވެ. އޭނާ މިހާރު ވަނީ ވެލިދޫ ކަރަންޓީން ފެސިލިޓީ އަށް ބަދަލުކޮށްފައެވެ. އެ ދިވެއްސަކީ ފިލިޕީންސުން ރާއްޖެ އަށް މީހެކެވެ.

އެންއީއޯސީގައި މަސައްކަތް ކުރަމުން އަންނަ އޮފިޝަލަކު "ވަގުތަށް" ވިދާޅުވީ ފިލިޕީންސުން އައި ދިވެހިންގެ ކަރަންޓީނުގެ މުއްދަތު އިތުރު ކުރާނީތޯ ނުވަތަ އެމީހުން ދޫކޮށްލާނީތޯ ނިންމާފައި ނުވާ ކަމަށެވެ. މަތިންދާބޯޓެއްގައި އައި ދަރިވަރުންގެ ތެރެއިން އެކަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާތީ، އޭނާއާ އެކު މަތިންދާ ބޯޓުގައި އައި އެހެން ދިވެހިންގެ ކަރަންޓީނު މުއްދަތު ރިވިއު ކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

"އެކަކު ފިޔަވައި އެންމެން ބައްޔަށް ނައްސި (ނެގަޓިވް) ވެފައި ވަނީ. އެކަމަކު ވެސް އެކެއްގެ ސާމްޕަލް ޕޮޒިޓިވް ވުމުން ދެން އަމަލު ކުރާނެ ގޮތެއް ކަނޑައަޅާނީ ރިވިއުކޮށްފައި. ފްލައިޓުން އައި މީހުން އިތުރު 48 ގަޑިއިރު ބަލާނެ. އެއަށް ފަހު ދެން އެމީހުންނާ މެދުގައި ގޮތެއް ނިންމާނީ،" އޮފިޝަލް ވިދާޅުވިއެވެ.

ކަރަންޓީނުގައި ތިބޭ މީޙުން ދޫކޮށްލުމާ މެދުގައި ގޮތެއް ނިންމަނީ ޑޮކްޓަރުންނާއި ސިއްހީ ތަޖުރިބާކާރުން ހިމެނިވަޑައިގަންނަވާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގު)ންނެވެ.

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ ޑޮކްޓަރު ޑރ. މޫސާ މުރާދު ވިދާޅުވީ ފިލިޕިންސުން އައި ދަރިވަރުންގެ ތެރެއިން ކޮވިޑް-19 އަށް ފައްސިވި ދަރިވަރުގެ ފަރާތުން ބަލީގެ އަލާމާތެއް ކުރިން ނުފެންނަ ކަމަށެވެ. އޭނާގެ ގައިގައި ބަލި ހުރި ކަން އެނގުނީ ދޫކޮށްލުމަށްޓަކައި ހެދި ޓެސްޓުން ފައްސިވުމުން ކަމަށް މުރާދު ވިދާޅުވިއެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވިއްސަށް އަރާފައިވާ އިރު، އެ ބަލި ޖެހުނު މީހުންގެ ތެރޭގައި ފަސް ދިވެހިން ހިމެނެއެވެ. ދެން ހިމެނެނީ ރާއްޖެ އަށް ޗުއްޓީ ހޭދަކުރުމަށް އައި ބިދޭސީންނާއި ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ހުޅުލޭ ބޮޑުމީހާ

  އެންމެ މަދުވެގެން 21 ދުވަހަށް ހެދުން ރަނގަޅު މިހާރު ތިވީގޮތުން

  28
  1
 2. ބްރޯ

  ތިޔަހެން ދިމާވިޔަސް ޔަގީން އޭނާ އަށް ބަލިޖެހުނީ ރާއްޖެ އައ ފަހުންނޫންކަން .އޭނަ ފިލިޕިންސްގަ ހުއްޓާ ބަލިޖެހިފައިވާނަމަ ޕިލިޕިންސުންއައި ހުރިހާފަރާތްތައް އިތުރު 14 ދުވަހު ކަރަންޓީނުގަ ބޭތިއްބުމަކީ ވަގުތާ ހާލަތަށްބަލައިރު އެމީހުނާ އެހެން މީހުންގެ ސަލާމަތަށް ބަލާއިރު ވެސް މުހިންމު ކަމެއްކަމަށްދެކެން. ގޮތް ނިންމާނީ މެޑިކަލްޓީމުން.

  28
  2
 3. މަޖުބޫރީހާލަތް

  ތިތާތިބި ހުރިހާމީހުން އިތުރު 14. ދުވަހައް ކަރަންޓީނުގަ ބޭތިއްބުން ރަނގަޅު މީވަރައް ނުރައްގޮތަކައް ފައްސި ވަމުންދާކަމެއް ރުޅިއަޔަސް އިތުރު 14 ދުވަހު ކަރަންޓީނުގަ ބައިތިއްބާ

  29
  3
 4. ރަނގަޅު

  ސަރުކާރުގެ ތިނިންމުން ވަރަށް ރަނގަޅު. ސަބަބަކީ 14ދުވަސް ހަމަވެފަތިބި މީހުން ދޫކޮއްލާފަހުން އެބަހުރި ޕޮޒޮޓިވް ވެފަ...އަދި 14ދުވަސް ހަމަވުމުން އިތުރު ޓެސްޓެއް ހަދާ ޔަގީންކޮއްލުން ތީ ވަރަށް ބުއްދިވެރި ގޮތެއް..