ފާއިތުވި އެހެން އަހަރުތަކާ އަޅާބަލާއިރު މިއަހަރު ޑެންގީ ހުން ޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު މަދު ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ޑެންގީ ޖެހިގެން ރިޕޯޓުކުރީ 43 މީހެކެވެ. އަދި މިދިޔަ މަހު ރިޕޯޓުކުރީ 40 މީހެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެ އަދަދު އުޅެނީ ސަތޭކައިން މަތީގައެވެ. އެގޮތުން ފެބްރުއަރީ ޑެންގީ ޖެހިގެން 425 މީހަކު ރިޕޯޓުކޮށްފައިވާއިރު މާޗު މަހު ޑިންގީ ޖެހިގެން ރިޕޯޓުކުރި މީހުން އުޅެނީ 476 ގައެވެ.

ޑެންގީގެ އިތުރުން އަރިދަފުސް ރޯގާ އަދި ބޭރަށް ހިންގުމާއި ހޮޑުލުމުގެ ތަފާސްހިސާބުތައް އެޗްޕީއޭ އިން ވަނީ ހިއްސާކޮށްފައެވެ. އެޗްޕީއޭ އިން ބުނީ މިދިޔަ އަހަރަށްވުރެ މިއަހަރު އަރިދަފުސް ރޯގާ ޖެހިގެން މީހުން ރިޕޯޓު ކޮށްފައިވާ އަދަދު ގިނަ ކަމަށެވެ. އެގޮތުން މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި 19،633 މީހުން ރިޕޯޓުކުރިއެވެ. އަދި މިދިޔަ މަހު 16،994 މީހުން ރިޕޯޓު ކޮށްފައިވެއެވެ.

މި މުއްދަތުގައި ބޭރަށް ހިންގުމާއި ހޮޑުލުން ރިޕޯޓުކޮށްފައިވާ މިންވަރު މަދުކަން ފާހަގަކުރެވޭ ކަމަށާއި ފެބްރުއަރީ މަހު ބޭރަށް ހިންގުމާއި ހޮޑުލުމުގެ 1656 ކޭސް ރިޕޯޓުކޮށްފައިވާއިރު މާޗުމަހު 1214 ކޭސް ރިޕޯޓުކޮށްފައިވާކަމަށް އެ އިދާރާ އިން ބުންޏެވެ.

އެޗްޕީއޭ އިން ބުނީ މި ދުވަސްވަރު މަދިރީގެ ޒަރިއްޔާ އިން ފެތުރޭ ޑެންގީ އާއި ޗިކުންގުންޔާ ފެތުރޭ މިންވަރު މަދު ނަމަވެސް، މިފަދަ ބަލިތައް ކޮންޓްރޯލުކޮށް ބަލިން ރައްކާތެރިވުމަށް ސަމާލުކަން ދިނުން މުހިއްމު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ުއުނދުޅި

    މިސަރުކާރުން ބަލަނީ ރައްޔިތުންގެ ދުޅަހެޔޮކަމައް
    ދައުލަތުގެ ޙަޒާނާ ބަނޑުއަޅާކައްނޫން

  2. Anonymous

    މިއަހަރޭ ބުނާއިރު މިއަހަރުގެ ކިތައްމަސްތޯ ފާއިތުވެދިތައީ، މިއަހަރުގައި ނެރެވުނު ނަތީޖާއެއް އިނގޭނީ އަހަރު ނިމުމަށް ފަހު ނޫންތާ؟؟ މިހާރު ބުނެދެވޭނީ ފާއިތުވި އަހަރުގެ ނަތީޖާ ދޮތެ!!!