ލޯކަލް ކައުންސިލްތަކުގެ ގާނޫނުގައި އިންތިހާބު ބާއްވަން ޖެހޭނެ ކަމަށް ބުނެފައިވާ މުއްދަތުގައި އިންތިހާބު ބޭއްވެން ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ އެކަން އާއްމުކޮށް އިއުލާން ކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބު މި މަހުގެ 18 ވަނަ ދުވަހު ބޭއްވުމަށް ކުރިން ނިންމާފައިވީ ނަމަވެސް، ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު މި މަހުގެ 30 ވަނަ ދުވަހާއި ހަމައަށް ދެމެހެއްޓުމަށް ހެލްތް މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.

އަދި އިންތިޙާބުގެ ކަންކަން ހިނގަނީ ބިރުވެރިކަމެއް ނެތް މާހައުލެއްގައި ރައްޔިތުންނަށް ވޯޓުލުމުގެ ޙައްޤު ފުރިހަމައަށް އަދާ ކުރެވޭ ގޮތަށްކަން ކަށަވަރު ކުރުމަކީ އެ ކޮމިޝަނުގެ މައްޗަށް ލާޒިމުކުރާ ކަމަކަށްވާއިރު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރުމުން ޤާނޫނުގައި ބަޔާންކުރާ މުއްދަތުގައި އިންތިޙާބު ބޭއްވެން ނެތް ކަމަށް އިލެކްޝަނުގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެ ކޮމިޝަނުގެ ބަޔާނުގައި ބުނެފައިވަނީ ކޮވިޑް-19 އާ ގުޅިގެން މިހާރު އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމި، އިންތިޙާބު ބޭއްވޭނެ މާޙައުލެއް ޤާއިމުވުމާއެކު، ނުވަތަ އެކަމުގައި އަމަލުކުރާނެ ޤާނޫނީ ހައްލެއް ލިބުމާއެކު އެ އިންތިޙާބުތަކާއި ގުޅިގެން ކަނޑައަޅާނެ ގޮތެއް އިއުލާނު ކުރާނެ ކަމަށެވެ.

ލޯކަލް ކައުންސިލްތަކުގެ ގާނޫނުގައި އިންތިހާބު ބާއްވަން ޖެހޭނެ ކަމަށް ބުނެފައިވާ މުއްދަތުގައި އިންތިހާބު ބޭއްވެން ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ އެކަން އިއުލާންކުރިއިރު އެންމެ ފުރަތަމަ އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ މި މަހުގެ ހަތަރުވަނަ ދުވަހުއެވެ. އެހެންނަމަވެސް ފަހުން އެ މުއްދަތު ގާނޫނުގައި ބުނާ ގޮތަށް އިލެކްޝަންސް ކޮމިޝަނަށް ފަސް ކުރެވެން އޮތް އެންމެ ފަހަކަށް ކުރިއެވެ. އެއީ މިމަހުގެ 18ވަނަ ދުވަހެވެ. ނަމަވެސް އެ މުއްދަތުގައިވެސް އިންތިހާބު ނުބޭއްވޭނެ ކަމަށް ބަލާ އިންތިހާބު ފަސް ކޮށްދިނުމުގެ ދުސްތޫރީ ލަފަޔަކަށް އެދި ހައިކޯޓާއި ސުޕްރީމް ކޯޓަށް ވެސް މައްސަލައެއް އިލެކްޝަނުން ހުށަހެޅިއެވެ. އެހެންނަމަވެސް އެ މައްސަލަތައް ފަހު ނެގީ މަޖިލީހުން އެކަމަށް ގާނޫނީ ހައްލެއް ގެނެސްދޭނެ ކަމަށް ބުނުމުންނެވެ.

އެގޮތުން ލޯކަލް ކައުންސިލާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިޚާބު އެންމެ ލަސްވެގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 6ވަނަ ދުވަހު ބާއްވާ ގޮތަށް ހާއްސަ ބިލެއް ސަރުކާރުން ވަނީ އެކުލަވާލާ މަޖިލީހަށް ފޮނުވާފައެވެ.

"ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލު 2020″ގެ ނަމުގައި 10 މާއްދާގެ މައްޗަށް އެކުލެވޭ ބިލު ފަރުމާކޮށްފައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020އިން ހޮވޭ މެމްބަރުން މަޤާމާ ހަވާލުވުމުން އުވިގެންދާ ގޮތަށެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލު 2020،އަށް ޢަމަލު ކުރަން ފެށުމާއެކު، އިލެކްޝަންސް ކޮމިޝަނުން 18 އޭޕްރީލް 2020ގައި ބާއްވަން ނިންމާފައިވާ ކައުންސިލްތަކުގެ އިންތިޚާބު ފަސްވެގެން ދާނެއެވެ. އެ އިންތިޚާބު އަލުން ބޭއްވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށަންޖެހޭނީ އިންތިޚާބާގުޅޭ ކަންކަން ކުރިއަށް ގެންދިޔުމަކީ އޭގެ ސަބަބުން ޢާންމު ޞިއްޙަތަށް ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ނޫން ކަމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ކަނޑައެޅުމުން ކަމަށް ބިލުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙިޕ

    ކޮން ޤާނޫނަކުންތޯ ޤާނޫނުގައި އިންތިޚާބު ބާއްވަންޖެހޭ ކަމަށް ކަނޑައަޅައިފައިވާ ދުވަހާއިމެދު އިލެކްޝަންސް ކޮމިޝަނުގެ ޚިޔާލުހޯދައި އެމީހުންގެ ފެންނަ ނުފެންނަ އަހައި އިންތިޚާބުބބޭއްވުން އެމީހުންގެ އިޚްތިޔާރަށް އޮތްކަމަށް އޮތީ؟
    ޤާނޫނުގައި ނެތްނަަމަ މިމީހުން ހިފައި ހައްޔްރުކޮށް ޖިނާޢީ ދައުވާކުރަންޖެހޭނެ. މިސަރުކާރުން ނުކުރިނަަމަ ދެން އަންނަ ބަޔަކު ކުރާނެކަން ދަންނާތި.

    17
    1