ސިފައިންގެ ވަޒީފާ އަށް ކުރިމަތިލުމުގެ ގޮތުން ޑިފެންސް މިނިސްޓްރީން ކުރި އިއުލާން ބާތިލްކޮށްފިއެވެ.

ޑިފެންސް މިނިސްޓްރީން މިދިޔަ މަހުގެ ދެވަނަ ދުވަހާއި 20ވަނަ ދުވަހު ވަނީ ސިފައިންގެ ވަޒީފާއަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ބުނެ ދެ ފަހަރެއްގެ މަތިން އިއުލާން ކޮށްފައެވެ. ނަމަވެސް މިއަދު އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނީ އެ މިނިސްޓްރީން މިދިޔަ މަހު ކުރި ދެ އިއުލާން ވެސް ބާތިލްކޮށްފައިވާ ކަމަށެވެ. ނަމަވެސް އިއުލާން ބާތިލްކުރި ސަބަބެއް ހާމައެއް ނުކުރެއެވެ.

ސިފައިންގެ ވަޒީފާއަށް ވަނުމަށް ކުރި އިއުލާން ބާތިލްކޮށްފައިވާއިރު ކޮވިޑް-19 ގެ ސަބަބުން ދައުލަތުގެ މާލީ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ހާއްސަކޮށް ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ވައްދައިދޭ ފަތުރުވެރިކަމުގެ ސިނާއަތަށް ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވެފައިވާ ހީނަރުކަމުގެ ސަބަބުން މިއަހަރުގެ ފުރަތަމަ ތިން މަހު ދައުލަތަށް ލިބުނު އާމްދަނީ އަކީ 1.11 ބިލިއަން ރުފިޔާ ކަމަށް މިއަދު ދައުލަތުގެ ޓެކްސް އިދާރާ މީރާއިން ވެސް ވަނީ ހާމަކޮށްފައެވެ.

މީގެއިތުރުން ދައުލަތުން ވަނީ އޮފީސްތަކުގެ ހަރަދު ކުޑަ ކުރުމަށްވެސް އަންގާފައެވެ. އަދި ކޮވިޑް-19 ގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސިޔާސީ އެކި މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރަ ވެސް ވަނީ 20 ޕަސެންޓު ކުޑަ ކޮށްފައެވެ.