ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭން ބޭރުން ގެނައުމަށް ނިންމާފައިވާ ވެންޓިލޭޓަރުތައް ގެނައުމަށް ހަވާލުކުރި ކުންފުނިތަކުގެ ތެރެއިން މިހާތަނަށް ސަރުކާރުން ފައިސާ ދައްކާފައިވަނީ އެންމެ ކުންފުންޏަކަށް ކަމަށް ސަރުކާރުން ބުނެފިއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް-19 ގެ މައުލޫމާތު ހިއްސާ ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ހަތަރު ޕޯޓަބަލް ވެންޓިލޭޓަރު ގެނައުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެ ވެންޓިލޭޓަރުތައް ގެނައުމަށް 16 ފަރާތަކުން ބިޑު ހުށަހެޅި ކަމަށާއި އޭގެތެރެއިން ޕްރޮޕޯސަލް ހުށަހެޅީ ހަތަރު ކުންފުންޏަކުން ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ޕްރޮޕޯސަލްތަކަށް ބެލުމަށްފަހު އެ ތަކެތި ގެނައުމަށް އެވޯޑު ކުރީ އެންމެ ކުންފުންޏަކަށް ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ އިތުރު 135 ވެންޓިލޭޓަރެއް ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ އެކަން ކުރެވެނީ މާލިއްޔަތު ގަވާއިދުގެ ދަށުން ކުއްލި ހާލަތުގައި ތަކެތި ގަތުމަށް ކަނޑައަޅާފައިވާ ގަވާއިދުގެ ތެރެއިން ކަމަށެވެ. 135 ވެންޓިލޭޓަރުގެ ތެރެއިން 50 ވެންޓިލޭޓަރެއް ގެނައުމަށް އެއް ކުންފުންޏަކާއި ހަވާލު ކޮށްފައިވާއިރު 20 ވެންޓިލޭޓަރެއް ގެނައުމަށް އިތުރު ކުންފުންޏަކަށް ހަވާލު ކޮށްފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. މަބްރޫކް ވިދާޅުވީ އެ ދެ ކުންފުންޏާއި އެކުގައި އެގްރީމަންޓުގައި ސޮއި ކޮށްފައިވާ ކަމަށެވެ. ނަމަވެސް، އެ ދެ ކުންފުންޏަށް ފައިސާގެ އެއްވެސް އަދަދެއް ދީފައި ނުވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

"ތިންވަނައަށް އަޅުގަނޑުމެން މަސައްކަތް މިކުރަނީ ޑަބްލިއުއެޗްއޯ އިން ސޯސް ކޮށްދޭ 65 ވެންޓިލޭޓަރެއް، އައިސީޔޫގައި ބަހައްޓާ ކަހަލަ ވެންޓިލޭޓަރާއި 10 ޕޯޓަބަލް ވެންޓިލޭޓަރު ޑަބްލިއުއެޗްއޯ މެދުވެރިކޮށް ސޯސް ކުރުމުގެ މަސައްކަތެއް އަޅުގަނޑުމެން ފައްޓާފައި އެބައޮތް، މިކަން ކުރުމަށް ބޭރުގެ ކުންފުންޏެއްގެ އަތުން މިކަން ކުރަން މިޖެހެނީ، މިކަން ކުރުމަށްޓަކައި ވަނީ އެޑްވާންސް ޕޭމެނެއްޓެއް ހެދިފައި،" މަބްރޫކް ވިދާޅުވިއެވެ.

ރާއްޖޭގެ އެކި އަތޮޅު ހޮސްޕިޓަލުތަކުގައާއި މާލެ އަދި އަމިއްލަ ހޮސްޕިޓަލުގައި ހުރި ވެންޓިލޭޓަރުތަކުގެ ޖުމްލަ އަދަދަކީ 97އެވެ. މިކަމުގައި ސަރުކާރުގެ އަމާޒު ހިފާފައި ހުރީ 200 ވެންޓިލޭޓަރު ގެނައުމަށެވެ. ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ރާއްޖެ ގެންނަން ނިންމާފައިވާ ގިނަ އަަދަދެއްގެ ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުން ހެލްތް މިނިސްޓަރު އަބްދުﷲ އަމީންއާ ގިނަ ސުވާލުތަކެއް ކުރުމަށް ވެސް ވަނީ ހުށަހަޅާފައެވެ. ސުވާލުތައް ކުރުމަށް ހުށަހެޅީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމްއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަސީހު

    މިހާލަތު ދިމާނުވާއިރުވެސް އެއްވެސް ކުންފުންޏަކުން އެޑްވާންސް ފައިސާނުދައްކާ އެއްވެސް ކަމެއްކޮއްފަކާނުވޭ މިކަމުގަ ސުވާލުއުފެދޭއެތައްކަމެއް އެބަހުރި.