ޤާނޫނާއި ހިލާފު ކަމެއް ރައީސް ޔާމީން ނުކުރައްވާ ކަމަށާއި ޤާނޫނާއި ހިލާފުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް އެންވާރްމަންޓް މިނިސްޓަރ ޠާރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޠާރިގު މިހެން ވިދާޅުވީ ޕީޕީއެމް އިން ތ.އަތޮޅު ވޭމަންޑޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އިދިކޮޅު ފަރާތްތަކުން މިހާރު ކުރާ އެންމެ ގޯސް ކަމަކީ ރައީސް ޔާމީން ވެރިކަން މި ކުރައްވަނީ ގާނޫނާ ޚިލާފަށް ކަމަށް ބުނަމުން ދިޔުން. އެކަމަކު އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ ގާނޫނާ ޚިލާފަށް ވެރިކަން ކޮށްފައި އޮތީ ހަމަ ރައީސް ނަޝީދޭ." މިނިސްޓަރ ޠާރިގު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ޒައާމަތުގައި ކޮޅުމަޑުލުގެ ތަރައްޤީއަށް ބަޖެޓުގައި ހިމަނާފައިވާ އެއްވެސް ކަމަކަށް އިދިކޮޅު އެއްވެސް މެންބަރަކު ވޯޓު ނުދޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އިދިކޮޅު ފަރާތްތަކަށް ވޯޓު ދިނުމުގެ ކުރިން ވިސްނާލަން ޖެހޭ ވަރަށް މުހިންމު ކަމެއް އެއީ، މި ސަރުކާރުގެ ތެރޭގައި މިއަތޮޅުގެ ތަރައްޤީއަށް ބަޖެޓް ގައި ހިމަނާފައިވާ އެއްވެސް ކަމަކަށް މިހާރު އިދިކޮޅު ގައި ތިބި މެންބަރުން ވޯޓެއް ނުދޭކަން. މި އަތޮޅަށް ތަރައްޤީ ގެނެސްދީފައި މިވަނީ ޕީޕީއެމްއާއި އެމްޑީއޭގެ މެންބަރުންގެ ވޯޓުން ބަޖެޓް ފާސްކޮށްގެން" މިނިސްޓަރ ޠާރިގް ވިދާޅުވިއެވެ.

ކޮޅުމަޑުލުގައި ތަރައްޤީގެ އެތަކެއް މަޝްރޫޢެއް ކުރިއަށް ދާކަން ފާހަގަ ކުރައްވާ މިނިސްޓަރ ޠާރިގް ވިދާޅުވީ ކޮޅުމަޑުލުގެ ގިނަ ރައްތަކުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ކުރެވި ބައެއް ރަށްރަށުގެ ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ގެނެވުމަށް މަސައްކަތްތަށް ކުރަމުންދާ ކަމަށެވެ.

"މި ސަރުކާރުން މިދަނީ ތަރައްޤީގެ އެތަކެއް މަސައްކަތެއް މިއަތޮޅުގައި ކުރަމުން. އެގޮތުން ބުރުނީގައި މިވަނީ ނަރުދަމާ އެޅިފައި. ވިލުފުށީގައި އެދަނީ ފެނުގެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުން. އަދި މަޑިފުށީގައްޔާއި ދިޔަމިގިލީގައި އެދަނީ ނަރުދަމާގެ މަސައްކަތްތަށް ކުރަމުން. އަދި ގުރައިދޫ އާއި ވޭމަންޑޫގައި މިދަނީ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން. އަދި ކަނޑޫދޫގެ ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް އެދަނީ މަސައްކަތްތަށް ކުރެވެމުން" މިނިސްޓަރ ޠާރިޤް ވިދާޅުވިއެވެ.

ރާއްޖެއަށް ތަރައްގީ ގެނެވޭނެ ވެރިއަކީ ރައީސް ޔާމީން ކަމަށާއި އެމަނިކުފާނި ދެވަނަ ދައުރަކަށް ހޮވަން ޖެހޭކަމުގައިވެސް މިނިސްޓަރ ޠާރިގް ވިދާޅުވިއެވެ.