ރ. ދުވާފަރު މަގު ހެދުމުގެ މަޝްރޫއުގެ 38 ޕަސަންޓު މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

ދުވާފަރު ބޮޑެތި ހުރިހާ މަގެއްގައި ތާރު އެޅުމަށް 28 މިލިއަން ރުފިޔާ އަށް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މިދިޔަ މެއި 22 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ޖޫން 12 ވަނަ ދުވަހު ފެށި އިރު، އެ މަސައްކަތަކީ 240 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ މަސައްކަތެކެވެ.

ރާއްޖޭގެ ރަށްތަކުގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ޕީއެސްއައިޕީ ބަޖެޓުން 10 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ. ގިނަ މަޝްރޫއުތަކަކީ ލައިން އޮފް ކްރެޑިޓް، އެލްއޯސީގެ ތެރެއިން ލޯން ހަމަޖެހިފައިވާ މަޝްރޫއުތަކެވެ.

މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގުތިސާދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.

ރާއްޖޭގެ މައިގަނޑު އިގުތިސާދު ބިނާ ވެފައިވާ ފަތުރުވެރިކަމުގެ ދާއިރާ ހުއްޓުމަކަށް އައިސްފައިވާ އިރު، ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދާ ބޮޑެތި މަޝްރޫއުތައް މަޑުޖައްސާ ނުލާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.

ދުވާފަރުގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ޒަމާނީ ފެންވަރަށް މަގު ތަރައްގީކޮށް ހެދުމުގެ ގިނަ މަޝްރޫއުތަކެއް ދަނީ ހިންގަމުންނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި ވެސް ގިނަ ރަށްރަށުގެ މަގުހެދުމުގެ މަޝްރޫއުތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ރާއްޖޭގެ އެންމެ ދިގުމަގު ލާމު ލިންކް ރޯޑުގެ މަޝްރޫއު އަކީ ފާހަގަކޮށްލެވޭ މަޝްރޫއުއެކެވެ. މި މަގަކީ 17 ކިލޯ މީޓަރުގެ ދިގުމަގެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުހައްމަދުބޭބެ

    ކީއްކުރަން އަޅާ ތާރެއްތޯ ތީ..ވެރިކަމަށް އަރާފަބުނީ އަހަރުމެން ތަރައްގިކުރަނީ ޖަޒީވަންތަ ކޮށޭ...މަށަންދަތި ހިފާގެން ހަފްތާޔާކު އެއްފަހަރު މަގުތަކުގަ މަށަންދަތި އެޅީމަ ޖަޒީވާނެ...ބޯހަލާކު ވެރިކަމެއް......