ދިވެހިރާއްޖޭގެ އެންމެ ގިނަ އަންހެނުން ތާއީދުކުރާ ސިޔާސީ ޕާޓީއަކީ ޕީޕީއެމް ކަމަށް ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެއެވެ.

މެޑަމް ފާތުންގެ ކެމްޕޭން އޮފީހުން އިންތިޒާމްކޮށްގެން ޕީޕީއެމް އިން ކޮޅުމަޑުލު ވޭމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރިޔާޒް ރަޝީދު ވިދާޅުވީ މިސަރުކާރަކީ އަންހެނުން ބާރުވެރިކުރުވާ އަންހެނުން ޒިންމާދާރުކަމަށް އެންމެ ގިނަ މަސައްކަތް ކުރި ސަރުކާރު ކަމަށެވެ. މި ސަރުކާރަކީ އަންހެނުންނާއި ހާއްސަ ގާތްކަމެއް ބާއްވަމުން އަންނަ ސަރުކާރެއް ކަމަށްވެސް ރިޔާޒު ރަޝީދު ވިދާޅުވިއެވެ.

"މި ސަރުކާރަކީ އަންހެނުންނާއި ހާއްސަ ގާތްކަމެއް ބާއްވަމުން އަންނަ ސަރުކާރެއް. މިސަރުކާރަކީ އަންހެނުން ބާރުވެރި ކުރުމަށް އެންމެ ގިނަ މަސައްކަތް ކުރި ސަރުކާރު. އޭގެ އެންމެ ބޮޑު ހެއްކަކީ އަޅުގަނޑުމެންގެ ފަސްޓް ލޭޑީ މެޑަމް ފާތިމަތު އިބްރާހީމް ކުރަމުން އެގެންދަވާ މަސައްކަތްފުޅު. އަދި ރާއްޖޭގައި އެންމެ ގިނަ އަންހެނުން ތިބި ސިޔާސީ ޕާޓީއަކީ ޕީޕީއެމް." މެންބަރު ރިޔާޒް ރަޝީދު ވިދާޅުވިއެވެ.

އަދި މުސްތަގުބަލެއް އޮތީ ޕީޕީއެމް ނުވަތަ ރައީސް ޔާމީންނާއި އެކުގައި ކަމަށާއި ތިރީސް އަހަރު ދުވަހުން ނުގެނެވުނު ތަރައްޤީ ރައީސް ޔާމީންގެ ހަތަރު އަހަރު ގެނެސްދެއްވައިފައިވާ ކަމަށް ރިޔާޒް ރަޝީދު ވިދާޅުވިއެވެ.

ރިޔާޒް ރަޝީދު ވިދާޅުވީ މި ސަރުކާރުގެ ތެރެއިން ކޮޅުމަޑުލުގެ ތަރައްޤީއަށް 900 މިލިއަން ރުފިޔާ ހޭދަކުރައްވާފައިވާ ކަމަށެވެ. އަދި ތަރައްޤީ އެދެންޏާ ރައީސް ޔާމީންގެ ފަހަތްޕުޅަށް އެރުމަށްވެސް ރިޔާޒް ރަޝީދު ވަނީ ކޮޅުމަޑުލުގެ ހުރިހާ ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެެ.