ށ.ފީވަކުގައި ކޮވިޑް-19 އާއި ގުޅިގެން އަމަލު ކުރާ ގޮތާއި މެދު ޚިޔާލް ތަފާތުވެ ހަމަނުޖެހުމެއް ހިނގައިފިއެވެ.

ރޭ 22:00 އެހާކަށްހާއިރު ހިނގި އެ ހަމަނުޖެހުން ހިނގާފައި ވަނީ އެ ރަށުގެ 2 ޒުވާނެއްގެ ދެމެދުގައެވެ. އެ ހަމަނުޖެހުން ހިނގާފައި ވަނީ، އެ ދެ ޒުވާނުންގެ މެދުގައި ހިނގި ޒުވާބެއް ހޫނުވެ، އެކަކު އަނެކަކު ގަޔަށް އަތްލާ ހިސާބަށް ދިއުމުންނެވެ. އެ ދެ ޒުވާނުންވެސް ނިސްބަތްވަނީ ފީވަކަށެވެ. އެ މާރާމާރީ އާއި ގުޅިގެން ފުލުހުން އެކަކު ހައްޔަރު ކުރިއިރު، އޭގެ ފަހުން ވެސް އެކަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

ށ.ފީވަކުގައި އެ ރަށަށް މާލެއިން އަންނަ މީހުން ހަފްތާއެއް ވަންދެން ގޭގައި މަޑު ކުރަން އަންގާފައި ވާއިރު، އެޗްޕީއޭއިން ވަނީ އަމިއްލައަށް ރަށު ކައުންސިލްތަކުން ކޮވިޑް-19 އާއި ގުޅިގެން ގޮތްތައް ނުނިންމުމަށާއި، އެޗްޕީއޭގެ އިރުޝާދުތަކަށް ބޯލެނބުމަށް އަންގަވާފައެވެ. އެހެންނަމަވެސް ފާއިތުވި ތިން ހަފްތާގައި ވެސް، އެ އެންގުމާއި ޚިލާފަށް އެ ރަށަށް މާލެއިން ދާ މީހުން ހަފްތާއެއް ވަންދެން ގޭގައި މަޑުކުރުމަށް ވަނީ އަންގާފައެވެ.

އެ ރަށު މީހަކު "ވަގުތު"އަށް ކިޔާދިން ގޮތުގައި، އެގޮތަށް އަމަލު ކުރަނީ ކައުންސިލާއި، ސިއްހީ މަރުކަޒުން އަންގައިގެންނެވެ.

"އެޗްޕީއޭއަށް ގުޅީމަ އެބަ ބުނޭ، ނުޖެހޭނެ އޭ އެހެން މަޑު ކުރާކަށް ގޭގައި. ގޭގައި މަޑުކުރަން އަންގާފައި ގޭގައި ތިބޭ ކުދިންނާއި އެންމެންވެސް ތިބޭ. ގެއަށް މީހުންވެސް ދަނީ. އެހެންވީމަ ގޭގައި ބަހައްޓާ ބޭނުމެއްވެސް ނޭނގެ. އަދި ހަތް ދުވަސްވީމަ ހުން ޗެކްކޮށްފަ ދޫކޮށްލާނަމޭ ބުނަނީ. އެކަމަކު ހުމެއްވެސް ޗެކެއް ނުކުރޭ. ބައެއް މީހުން ނިދާފަ އޮއްވާ ގެއަށް އައިސް އެބަ ބުނެ 7 ދުވަސް ވެއްޖެއޭ. ދެން ނިކުތަސް އޯކޭއޭ" އެ ރަށު މީހަކު ބުންޏެވެ.

އެ ރަށުން މައުލޫމާތުދިން އިތުރު މީހަކު ބުނީ، އެޗްޕީއޭގެ އެންގުމާއި ޚިލާފަށް މީހުން ގޭގައި ބޭތިއްބުމުގެ އިތުރުން ގޭގައި ބައިތިއްބާ މީހުންގެ ނަންވެސް އާއްމު ކުރާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މުޖުތަމައުގައި އެމީހުން އެކަހެރިވާކަން އޭނާ ފާހަގަކުރިއެވެ.

"އަޅުގަނޑުމެން މި ބުނަނީ އެހެން އެކަމެއް ނުކުރެވޭނެއޭ. ބުނީމަ މި ހިތްހަމަ ނުޖެހޭނެއޭ. އަދި އަސްލަށް އައިސޮލޭޓްކުރިއަސް އެހެން ނަން އިއުލާންކުރުމަކީ ޤާނޫނީ ކުށެކޭ. ބުނީމަވެސް އެކަން ކުރަނީ އެހެން،" އޭނާ ކިޔާދިނެވެ.

މީގެ އިތުރުން ރޭގެ ބައްދަލުވުމުގައި އާއްމުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ފަދަ ވާހަކަތަކެއް ދެއްކި ކަމަށް ވެސް އެ ރަށު މީހަކު ބުނެފައިވެއެވެ.

"މި ބުނަނީ މި ބަލީގަ މީހުން މަރުވަނީއޭ. ތިމީހުންނަށް ކުދިންގެ މޫނު ބަލަންވެސް ނުދެވޭނެއޭ. އެކަހަލަ ބަައްޔެކޭ. ހޭލުންތެރިކުރަން އެއްވެސް ވާހަކައެއް ނުދައްކާ." އޭނާ ކިޔާދިނެވެ.

 

އެ ރަށު ބައެއް މީހުންގެ ފަރާތުން ލިބުނު މައުލޫމާތުތަކާއި ގުޅިގެން، ފީވަކުގައި މާލެއިން ދާ މީހުން ގޭގައި އެކަހެރި ކުރަމުންދަނީ ކޮން އުސޫލަކުންތޯ ސާފުކުރުމަށް އެ ރަށު ކައުސިލްގެ ރައީސް ހަސަން ޝުޖާއުއަށް ގުޅާލުމުން އޭނާ ވިދާޅުވީ، އެ ކަން އެގޮތަށް ކުރަން ނިންމީ ރަށުގެ ރައްޔިތުން ކަމަށެވެ. އަދި އެޗްޕީއޭއިން ކޮވިޑް-19 އާއި ގުޅިގެން އަމަލު ކުރާނެ ގޮތް ކަނޑައަޅާ ގައިޑްލައިނެއް އެކުލަވާލުމުގެ މަހެއްހާ ދުވަސް ކުރިން، އެ ރަށުގެ ސަލާމަތާ ރައްކާތެރިކަމަށް ޓާސްކް ފޯސްއެއް އެކުލަވާލި ކަމަށް އޭނާ ވިދާޅުވިއެވެ. އެހާހިސާބުން ފެށިގެން ރަށަށް އަރާ ފައިބާ މީހުން މޮނިޓާ ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔަ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

"އެ ޓާސްކް ފޯރސްގައި ރައްޔިތުން ހިމެނޭ. ސަރުކާރު މުއްސަސާއަކުން މީހަކު ހިމެނޭނެ. މާ ފަހުން ޓާސްކްފޯހެއް އެޗްޕީއޭއިން އެކުލަވާލީ. އެއީ އެޗްޕީއޭއިން ކޭސްއެއް ފެނުނީމަ ނޫނީ ހަރުކަށި ފިޔަވަޅެއް ނާޅާނެ. އަޅުގަނޑުމެންގެ ރައްކާތެރިކަމަށް މި ފިޔަވަޅުތައް މި އަޅަނީ. ދެން އެލްޖީއޭ އަށް އެންގޭނީ ކައުންސިލަށްތާ ކަމެއް. މިއީ ކައުންސިލްގެ ނިންމުމެއް ނޫން. މިކަން ނިންމީ ރައްޔިތުން." އޭނާ ވިދާޅުވިއެވެ.

ރޭ ބޭއްވި ޖަލްސާއަކީ ރަށަށް މާލެއިން އައި ބައެއް މީހުން ރަށުގެ ރައްކާތެރިކަމަށްޓަކާއި ކުރާ މަސައްކަތަށް ހުރަސް އަޅާތީ ހޭލުންތެރި ކުރުމަށް ބޭއްވި ބައްދަލުވުމެއް ކަމަށް ޝުޖާއު ވިދާޅުވިއެވެ. އެ ޖަލްސާގައި ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް ވާހަކަދެއްކި ކަމަށް ރަށުގެ ބައެއް މީހުން ބުނާތީ އެކަަމަށް ވެސް އޭނާ ރައްދުދެއްވިއެވެ.

"ބިރުވެރިކަން އުފެދޭ ގޮތަށް އެއްވެސް ވާހަކައެއް ނުދައްކާ. ރައްޔިތުންނަށް އަންގާ ފިޔަވަޅުތައް ތިން ހަތަރު ކުއްޖުކު މި މަސައްކަތް ހަލާކުކޮށްލަން މަސައްކަތް ކުރަނީ،" ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއުގެ މި ވާހަކަތަކާއި ގުޅިގެން އެ ރަށުގައި އިސްކޮށް ހަރަކާތްތެރިވާ އަހުމަދު ޝަރީފަށް ގުޅާލުމުން އޭނާ ވިދާޅުވީ، އެންމެ ފުރަތަމަ ރަށު ފެންވަރުގައި އެކުލަވާލި ޓާސްކް ފޯސްގައި ވެސް އިސްކޮށް ހުންނެވީ އޭނާ ކަމަށެވެ. ކުރިން ރަށުގެ ޓާސްކް ފޯސްއެއް އެކުލަވާލާ ވަކި މަސައްކަތްތަކެއް ކުރިއަށް ގެންދެވި ނަމަވެސް، މިހާރު އެޗްޕީއޭގެ އެންގުމާއި ޚިލާފް އެއްވެސް ކަމެއް ނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެ ބައްދަލުވުމަކަށް އަޅުގަނޑު ނުދަން. މައްސަލައަކަށް މިވަނީ އަޅުގަނޑު ޗެއާއަކަށް ހުރެގެން އެއްވެސް ކަމެއް އަމުރެއް ޤާނޫނާއި ޚިލާފަށް ނުކުރާނަމޭ. ރޭގެ ބައްދަލުވުމަކީ އަޅުގަނޑަށް އެނގިގެން ބޭއްވި ބައްދަލުވުމެއް ނޫން. އަޅުގަނޑު ނުދަންނަވާ ނަމޭ އަމިއްލަ އުސޫލެއް ޤަވާއިދެއް ހަދާކަށް. އަޅުގަނޑުމެން މަސައްކަތް ކުރާނީ އެޗްޕީއޭގެ އުސޫލަށޭ. އެކަމާއި ބައެއް ބޭފުޅުން ހިތްހަމަ ނުޖެހެ،" އޭނާ ވިދާޅުވިއެވެ.

އެޗްޕީއޭއިން ވަނީ އެއްވެސް ފަރާތަކުން އަމިއްލަ އަށް ތަންތަން ބަންދުކުރުމާއި، މީހުން އެކަހެރިކުރުމުގައި އެފަރާތުގެ ގައިޑްލައިންތަކާއި ޚިލާފު ނުވުމަށް އިލްތިމާސް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޒާހިދު

    ކޮންމެ ބަޔަކު ކުރިޔަސް ފީވަކު ޓާސްކްފޯސް އިން އެޅި ފިޔަވަޅުތައް އިންތިހާ އަށް ރަނގަޅު. ތިކަން ކުރަން ކޮންމެހެން އެޗް.ޕީ. އޭ އަކުން އަމުރެއް ނެރޭކަށް ނުޖެހޭ. ވިސްނާލަންވާ ކަމަކީ ތިޔަ ފިޔަވަޅުތައް އެޅުމުގެ ސަބަބުން ފައިދާއެއްް ވިޔަސް ވާނީ ހަމަ ތިޔަ ރަށު ރައްޔިތުންނަށް. ވީމާ ތިޔަކަން ހަމަ ކުރިޔަށް ގެންދަންވީ. ސަބަބަކީ ކޮވިޑް19 އާއި ގުޅޭ ހުރިހާ މައުލޫމާތެއް އަދި އެއްވެސް ބަޔަކަށް ނޭގޭ. ވީމާ ފިޔަވަޅުތައް ބޮޑުކޮށް އެޅުމަކުން ވާނެ ގެއްލުމެއް ނެތް.

    4
    1
  2. ގޯނިކަހާ

    ތިތަނުގަވަކިސަރުކާރެއްތައޮނނަނީ

    38
    4
  3. ޢަރޮޅި

    ކައުންސިލް ތައް އުފައްދައިގެން ބަކަތެޅުން ނޫން ދެން ކޮންކަމެއްމިކުރެވެނީ! މިގައުމުގައި ކުރިން އޮތް ނިޒާމުން ތިކަހަލަ ދޯޙަޅި ކަންކަމެއް ނުކުރާނެ! މިގައުމުގައި ރީދޫ އުގުޅި އުގުޅީނުން މިއޮތީ ވައިލެވިލެވި! ޥަޔަށް ބޭސް ކުރަން ޖެހިފާ!

  4. ާައާދަމުގެ ދަރި

    ސޯޝަލް ޑިސްޓެންޓިންގ

    11
  5. ކީނާ

    ފީވަކު ޗިޕްސް?

    9
    2
    • ާާަަަައަހުނޭ

      ތިކުރީ ހަމަ ސަތޭކައިގެ ކަމެއް... ރަށު ރައްޔެތުންގެ ކުރިމަތީ ހިތުހުރި އެއްޗެއް ގޮވާ ބޭނުންހާ ސަކަރާތެއް ނުޖެހޭނެ.. ރަށުގެ ކުޑަ ކުދިން ކުރިމަތީ އަވަގުރާނެއް ނުގޮވޭނެ... މި ހަބަރައް މައުލޫމާތު ދީފަ މިއޮތީ ގޯހުން ގޯހައް.. މީ ވަރައް ވާހަކަ

  6. އައިޝާ

    މިރަށުގައިވެސް ކައުންސިލް އަދި މަރުކަޒުގެ މީހުން އުޅެނީ ވަކި ސަރުކާރެއް ހަދައިގެން. އެހެން މީހުންނަށް ނުނިކުންނަން އަންގާފަ އެމީހުންގެ އާއިލާ އެންމެންވެސް އުޅެނީ ބޭރުތެރޭގައި. މާލޭންއަޔަސް ވަކި ބަޔަކަށް އަމުރުކުރަނީ ނުނިކުންނަން

    9
    3
  7. ހަމަދު

    ތިޔަ ރަށުގެ އިސްކޮށް އުޅޭ މީހުންގެ ވިސްނުމަކީ ސަރުކާރުން އަންގާގޮތް ނޫންގޮތކަށް ކަންކުރުން. އަބަދުވެސް މެޖޯރިޓީ ނެގެޓިވް ވިސްނުން. އިދިކޮޅަށް ކަންކުރުމުގެ ވިސްނުން. އެހެން ވިސްނައިދީގެން ރަށުގެ ބޮޑުން ކުރެޑިޓް ނެގުން

    11
    1
  8. ޔާސިރު

    ޙަމަ ހަމަ މީހަކު ނެތް ރަށަކިބާ؟

  9. ނަސީރު

    ޙަމަ އެކަކުވެސް ނެތް ރަށެއްބާ؟

    1
    1
  10. ނަައީމް

    ބަލަ ކައުންސިލްތަކަށް ބާރުދީފަ އޮންނާނީ ހެދޭނެ ރަށުގެ ކަންކަންނިންމާނީ ރަށުން ތާހިރުވެއްޖެއްނު

    1
    1
  11. ޔާ

    ތިރަށު ޓާސްކު ފޯސް މީހުން ވަކި މީހަކަށް ވަކި ގޮތެއް ހަދަނީ