ދިވެހި ބަހުގެ ދުވަހާ ގުޅިގެން ބަހުގެ އެކަޑަމީއިން ޅެން ބައިތު ޗެލެންޖެއް ފަށައިފިއެވެ.

މި ޗެލެންޖު ފައްޓަވައި ދެއްވީ ދިވެހި ބަހުގެ އެކަޑެމީގެ ރައީސް އަޝްރަފް އަލީއެވެ. "ވާދައިގެ ބައިތު ހުށަހެޅުން" މި ނަމުގައި ކުރިއަށް ގެންދާ މި ޗެލެންޖަކީ މީސްމީޑިއާ މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޗެލެންޖެކެވެ.

އަޝްރަފު ވަނީ ރާއްޖޭގެ ހުރިހާ ކުދި ބޮޑު އެންމެން މި ޗެލެންޖުގައި ބައިވެރިވުމަށް ދައުވަތު ދެއްވައިފައެވެ.

އަޝްރަފު ހުށަހަޅުއްވައި ދެއްވީ "ދިވެހި މަސްކަނޑުތަކުން މަސް ފުމެންޏާ ވިލާ، ދިވެހި ފަސްގަނޑު ދަށަށް ބިސް އަޅަންޏާ ވެލާ، ދިވެހި ރުއްލަކުޑި ނިރޮޅުން ކޮށެންޏާ ފިލާ، ދިވެހި ބަސް ދިވެހި ގައުމުން ނުދާނޭ ފިލާ،" މި ބައިތެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކޮވިޑް-19 ފެތުރެމުންދާތީ ގިނަ ބަޔަކު ގޭގައި ތިބެން ޖެހުމާ ގުޅިގެން މީސްމީޑިއާގައި ގިނަ އެކި ކަހަލަ ޗެލެންޖުތައް އަންނަނީ ބާއްވަމުންއެވެ. އެގޮތުން ޓޮއިލެޓް ޕޭޕާ ޗެލެންޖާއި، މަދަހަ ޗެލެންޖު، ގުރުއާން ޗެލެންޖު ހިމެނެއެވެ.

ޅެން ބައިތު ހުށަހެޅުމުގެ ޗެލެންޖަށް ވެސް އަންނަނީ ގިނަ ބައެއްގެ ތައުރީފު ލިބެމުންއެވެ.

އެގޮތުން ގިނަ އަދަދެއްގެ ކުޑަ ކުދިން ވަނީ މި ޗެލެންޖުގައި ބައިވެރިވެފައެވެ. މި އަހަރުގެ ދިވެހި ބަހުގެ ގައުމީ ދުވަސް ފާހަގަ ކުރަން އެކަޑަމީން ކަނޑައަޅާފައިވާ ޝިއާރަކީ، "ފޮތް ކިޔުމާއި މުއާމަލާތު ކުރުން: އިސްކަން ދިވެހި ބަހަށް" އެވެ. އެކަޑަމީން ބާރު އަޅަނީ، މުއާމަލާތް ކުރުމުގައި ސާފު ދިވެހި ބަސް ބޭނުންކުރަން އިސްކަން ދިނުމަށެވެ.