ރައީސް އަބްދުﷲ ޔާމީންގެ ޒައާމަތުގައި ހިންގަމުން ގެންދާ އެންމެ ބިޔަ މަޝްރޫއަކީ ރާއްޖޭގައި އިސްލާމް ދީން ދަމަހައްޓައި ހިމާޔަތް ކުރުން ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

"އުމުރާނީ ތަރައްގީ އަށް ވުރެ ބޮޑު މަޝްރޫއެއް ރައީސް ކުރިއަށް އެބަ ގެންދަވާ. އެއީ ރާއްޖޭގައި އިސްލާމް ދީން ހިމާޔަތް ކުރުމުގެ މަޝްރޫއު. މި މަޝްރޫއަކަށް އަގެއް ނެތް. މިއީ އަގު ނުކުރެވޭނެ މަޝްރޫއެއް،" ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް އިސްވެ ހުންނަވައިގެން، ޕީޕީއެމުން ތ.ވޭމަންޑޫގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވި އެވެ.

އަދި ރާއްޖެ އިން އިސްލާމްދީން ފޮހެލަން އިދިކޮޅު ފަރާތްތަކުން އިސްކޮށް ތިބެ މަސައްކަތް ކުރިކަމަށާއި މިގައުމުން އިސްލާމް ދީން ފޮހެލަން ކުރާ އެއްވެސް މަސައްކަތެއް ކާމިޔާބު ނުވާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ މުއިއްޒު ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި އިސްލާމް ދީނަށް ކުޑައިމީސް ކުރަން ކުރި މަސައްކަތް މަތިން ރައްޔިތުން އަދިވެސް ހަނދާން އެބަހުރި ކަމަށެވެ. އަދި ހުރިހާ ދިވެހި ރައްޔިތުން މިކަމާ ވިސްނަން ޖެހޭ ކަމަށް ވިދާޅުވި އެވެ. އިދިކޮޅަށް ރާއްޖޭގެ ވެރިކަން ދީފި ނަމަ އިސްލާމް ދީން ނޫން ދީންތައް ރާއްޖޭގައި ފަތުރަން މަސައްކަތް ކުރާނެކަމާ ދޭތެރޭ ޝައްކެތް ނެތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އިސްލާމް ދީން މި ރާއްޖޭގައި ހިމާޔަތް ކުރުމަށް ރައީސް ޔާމީން ވޭތުވެ ދިޔަ ދުވަސްތަކުގައި އެތަކެއް މަސައްކަތެއް ކުރެއްވި. މިމަސައްކަތްތަކުގެ ތެރެއިން މިސްކިތްތައް ބިނާ ކުރުމާއި އަދި އަރަބި އިސްލާމީ ގައުމުތަކާ ގުޅުން ބަދަހި ކުރަން ކުރެވުނު މަސައްކަތްތަކާއި މި ހުރިހާ ކަމަކީ އަގު ނުކުރެވޭނެ ކަންތައްތައް،" މިނިސްޓަރު ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުގައި ކިބައިން ފެންނަނީ ފަނާ ކުރުމުގެ ވިސްނުން ކަމަށާއި އެކަން ރައްޔިތުން ބަލައި ނުގަންނަ ކަމަށްވެސް މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަންނި

    މުޅިންވެސް ވާހަކަ. ތިޔަ ދެއްކެވީވެސް ލައްކަ ވާހަކަ. ފިއްލަވައިގެން އުޅުއްވާ ރައީސް ޑެންމާކުގައި އިސްލާމްދީނަށް އިހާނެތި ބަސްތަކުން މުހާތަބުކޮށް ބައިނަލް އަގުވާމީ ސަމާލުކަން ހޯދި. އެކަމަކު 2013 ވަނަ އަހަރުގެ ރިޔާސީ ރޭހުން އެކަމެއް ނުފެނޭ އޭނާ ގެ އަވައިގައި ޖެހި ފިތިނބާރުވެފައިވާ މީހުން 105،000 ވޯޓުދިން. ދިވެހިންނަށް ދެވުނު މެސެޖެއް ނެތް ނުވީ ތާކަށް މައުމޫނު ވެސް އިމުރާނުވެސް ގާސިމުވެސް ވޯޓު ދިނީ އެމީހާއަށް ކަމަށް ވެދާނެ، މި ވެރިންނަށް ބެނުންވަނީ ހަމަ އެކަނި ވެރިކަން. ﷲ މިމީހުން ކިބައިން މިރާއްޖެ ސަލާމަތް ކުރައްވާނެ އިރާދަކުރެއްވިއްޔާ