ދިވެހި ބަހަކީ ދިވެހިންގެ އަމިއްލަވަންތަ ކަމުގެ ރަމްޒު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދިވެހި ބަހުގެ ދުވަހުގެ ތަހުނިޔާ ދިވެހި އެންމެހާ ރައްޔިތުންނަށް އަރިސް ކުރައްވާ ރައީސް ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހިބަހަކީ ދިވެހީންގެ އަމިއްލަވަންތަކަމުގެ ރަމްޒު ކަމަށެވެ. އަދި ދިވެހި ބަހަކީ ދިވެހި ގައުމިއްޔަތުގެ ހިތް ކަމަށާއި އެއީ ހުރިހާ ދިވެހިން ގުޅުވާލަދޭ ފާލަން ކަމަށް ރައީސްގެ ޓްވީޓުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް މި ދުވަހާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހި ބަހަކީ ދިވެހިންގެ ދިވެހި ވަންތަކަން ރަމްޒުކޮށްދޭ އެންމެ ފުރަތަމަ ނިޝާން ކަމަށެވެ.

ކޮންމެ އަހަރެއްގެވެސް އެޕްރީލް މަހުގެ 14 ވަނަ ދުވަހަކީ ދިވެހި ބަހުގެ ދުވަހުގެ ގޮތުގައި އަންނަނީ ފާހަގަކުރަމުންނެވެ. އަހަރުގެ ދިވެހި ބަހުގެ ދުވަހުގެ ޝިޔާރަކީ "ބުނާނީ ލިޔާނީ ސާފު ދިވެހިން ބަހުން" އެވެ.