ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ގެ ސަބަބުން ސަރުކާރު ބަންދުކޮށްފައިވާ މި ދަނޑިވަޅުގައި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް އެއްވެސް މައްސަލައެއް ހުށަހަޅަން ބޭނުން ނަމަ ފޯނުން ނުވަތަ އީމެއިލް މެދުވެރިކޮށް މައްސަލަތައް ހުށަހެޅުމަށް އެ އިދާރާއިން އެދިއްޖެއެވެ.

އެންއައިސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް-19 އާ ގުޅިގެން ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކޮށްފައިވާ މި ދަނޑިވަޅުގައި އެ ކޮމިޝަނުން ރައްޔިތުންނަށް ޚިދުމަތް ދިނުން މެދުނުކެނޑި ކުރިއަށްދާ ވާހަކަ ދަންނަވާ ކަމަށެވެ. އެގޮތުން މުވައްޒަފުން ގޭގައި މަސައްކަތް ކުރުމުގެ އިންތިޒާމް ހަމަޖައްސައި، އޮފީސް ހުޅުވައިގެން ކޮންމެހެން ކުރަންޖޭ މަސައްކަތްތަކަށް އެވަގުތަކު ނެރެންޖެހޭ އެންމެ މަދު މުވައްޒަފުން ނެރެގެން މަސައްކަތް ކުރަމުންދާ ކަމަށް އެންއައިސީން ބުންޏެވެ.

ޤާނޫނު ތަންފީޒު ކުރާ އިދާރާތަކުން ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތައް ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ލަފަޔާއި އެއްގޮތަށް، މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުވާނޭހެން، މެދުނުކެނޑި ކުރިއަށް ގެންދިއުމާ އެކު، އެއިދާރާތަކުން ބަލަހައްޓަމުންދާ ޖަލުތަކާއި ކަސްޓޯޑިއަލް ސެންޓަރުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި ބަލިފެތުރޭ ޙާލަތުގައި ޢަމަލުކުރާނެ އުސޫލުތައް ހެދިފައިވާކަން ކަށަވަރު ކުރަމުން އަންނަ ކަމަށްވެސް އެ ކޮމިޝަނުގެ ބަޔާނުގައި ބުނެފައިވެއެވެ.

އެންއައިސީން ބުނީ މި ހާލަތުގައި ގާނޫނު ތަންފީޒު ކުރާ އިދާރާއެއް ނުވަތަ އެ އިދާރާއެއްގެ އެއްވެސް މުވައްޒަފެއްގެ މައްސަލައެއް، ހުށަހަޅުއްވަން ބޭނުންވާ ނަމަ ފޯނުންނާއި އީމެއިލް މެދުވެރިކޮށް އެ ކޮމިޝަނަށް މައްސަލަ ހުށަހެޅޭނެ ކަމަށެވެ. އަދި، އެކަމުގެ މަޢުލޫމާތު ކޮމިޝަނުގެ ވެބްސައިޓުގައި ޝާއިޢު ކުރެވިފައިވާނެ ކަމަށާއި މިގޮތުން ފޯނުން މައްސަލަ ހުށަހަޅުއްވަން އެދޭ ފަރާތްތަކުން 7967329 އަށް ނުވަތަ 3302582 ނަންބަރަށް ގުޅުއްވުން އެދޭ ކަމަށާއި އީމެއިލް މެދުވެރިކޮށް މައްސަލަ ހުށަހަޅާނީ [email protected] އަށް ކަމަށް އެންއައިސީން ބުންޏެވެ.

ނޭޝަނަލް އިންޓަގްރީ ކޮމިޝަނަކީ ފުލުހުންނާއި އިމިގްރޭޝަން އޮފިސަރުންނާއި ކަރެކްޝަނަލް ސާވިސް އަދި ކަސްޓަމްސް އޮފިސަރުން ކުރާ ޖިނާއީ ކުށްތައް ތަހުގީގު ކުރުމުގެ ބާރު ލިބިގެންވާ ކޮމިޝަނެކެވެ.

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ގާނޫނު ތަންފީޒު ކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުން ކުރާ ގާނޫނާ ހިލާފު އަމަލުތައް ބަލައި ތަހުގީގު ކުރުން ހިމެނެ އެވެ. އަދި އެފަދަ އަމަލެއް ކަމަށް ތުހުމަތު ކުރެވޭ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިފި ކަމަށް ނުވަތަ ހިންގަން އުޅޭ ކަމަށް ތުހުމަތުކޮށް، އެފަދަ މައްސަލައެއް ހުށަހަޅައިފި ނަމަ އެކަމެއް ވެސް ބަލައި ތަހުގީގު ކުރަން އެ ކޮމިޝަނަށް ލާޒިމުވާނެއެވެ.