ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ގެ ސަބަބުން ބްރޯޑްކާސްޓަރުންނާއި ރީބްރޯޑްކާސްޓަރުންނަށް މާލީ އެއްވެސް ދައްޗެއް ދިމާވެފައިވޭތޯ ބެލުމުގެ މަސައްކަތް ބްރޯޑްކާސްޓަރުންގެ ބެލެނެވި ފަރާތް ކަމަށްވާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ބަލަން ފަށައިފިއެވެ.

ބްރޯޑްކޮމް އިން މިއަދު ނެރެފައިވާ ސާކިއުލާއެއްގައި ބުނީ ކޮވިޑް-19 އާ ގުޅިގެން މިހާރު ރާއްޖޭގައި އަޅާފައިވާ ޞިއްޙީ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގައި ބްރޯޑްކާސްޓްކުރާ ފަރާތްތަކަށާއި ރީބްރޯޑްކާސްޓްކުރާ ފަރާތްތަކަށް ދިމާވެދާނޭ ދަތިތަކާއި މާލީ ނުތަނަވަސްކަމަށް ކޮންމެވެސް ވަރެއްގެ ލުއިކަމެއް ގެނައުމަށް އެ ކޮމިޝަނުން ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށްގެން ކުރެވިދާނޭ ކަންކަން ބެލުމުގެ ގޮތުން، ބްރޯޑްކާސްޓަރުންނާއި ރީބްރޯޑްކާސްޓަރުންނަށް މިހާރު މެދުވެރިވެފައިވާ ޙާލަތު ދެނެގަތުމަށް ބޭނުންވަ ކަމަށެވެ.

އެހެންކަމުން މިހާރު ޚިދުމަތް ދެމުންދާ ބްރޯޑްކާސްޓަރުންނާއި ރީބްރޯޑްކާސްޓަރުންގެ ތެރެއިން، އެއްވެސް ފަރާތަކަށް އެ ފަރާތަކުން ފޯރުވައިދޭ ޚިދުމަތް ދިނުމުގައި ކޮވިޑް-19 އާ ގުޅިގެން ދިމާވެފައި މިވާ ޙާލަތުގެ ސަބަބުން އެއްވެސް ދައްޗެއް ނުވަތަ މާލީ ނުތަވަސްކަމެއް ދިމާވެފައިވާނަމަ، "ކޮވިޑް-19 އާ ގުޅިގެން ޙާލަތު ދެނެގަތުމަށް ބޭނުންވާ މަޢުލޫމާތު ފޯމު" ފުރިހަމަކުރެއްވުމަށްފަހު އެ ކޮމިޝަނުގެ އީ-މެއިލް [email protected] އަށް، މި މަހުގެ 21ވަނަ ދުވަހުގެ ކުރިން ފޮނުވުމަށް ވަނީ އެދިފައެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން މިފަދައިން ބުނެފައިވާއިރު ސަރުކާރުން އަންނަނީ ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތަކަށް ދިމާވެފައިވާ ހީނަރުކަމުން އަރައިގަތުމަށް އިކޮނޮމިކް ރިލީފް ޕެކޭޖެއް ތައާރަފު ކޮށްފައެވެ. 2.5 ބިލިއަން ރުފިޔާގެ އެ ޕެކޭޖުގެ ދަށުން ވިޔަފާރިތަކަށް ލޯނުތައް ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ސަރުކާރުން ބުނީ އެ ޕެކޭޖުގެ ސަބަބުން ވިޔަފާރިތަކަށް ކޮންމެވެސް ވަރެއްގެ ލުުޔެއް ލިބިގެން ދާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.