ރައީސް އަބްދުﷲ ޔާމީންގެ 10 އަހަރުގެ ވެރިކަމަށްފަހު އެހެން ރައީސުން ކުރަން ޖެހޭނެކަމަކީ ދައުލަތުގެ އާމްދަނީގެ ހިސާބު ބެލުންކަމަށް ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލް އުސްމާން ވިދާޅުވެއްޖެއެވެ.

މަވެސް ޕީޕީއެމްގެ ނަމުގައި މިރޭ ތ.އަތޮޅުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަަވަމުން ޖަމީލް އުސްމާން ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީން 2018 ވަނަ އަހަރު ކާމިޔާބުކޮށްދިނުމަށްފަހުގައި، ރާއްޖޭގެ ވެރިކަަމަށް ދެން އަންނަން އޮތް މީހަކު ތަރައްގީއަށް މާބޮޑު މަސައްކަތެއް ކުރަން ނުޖެހޭނެ ކަމަށެވެ.

"ރައީސް އަބްދުﷲ ޔާމީންއަށް 10 އަހަރުގެ ދައުރެއް ދެއްވުމަށްފަހުގައި ދެން މި ރާއްޖެއަށް ވެރިކަން ކުރަން އަންނަ ކޮންމެ މީހަކު ކުރަން ޖެހޭނެ ކަމަކީ ރައްޔިތުންނަށް ބަހަން ޖެހޭނެ ފައިސާތަކުގެ ހިސާބު ކިތާބު ބެލެހެއްޓުން. ރައީސް އަބްދުﷲ ޔާމީންގެ މި އަމާޒާއި ދިމާލަށް ދަތުރުކޮށް ރާއްޖޭގައި 10 އަހަރުގެ ވެރިކަމެއް ނިމޭއިރުގައި މި ރާއްޖޭގެ އެންމެން ގަބޫލުކުރާނެ ހަގީގަތަކީ މި ރާއްޖޭގެ ރައްޔިތުންނަށް އެކަށީގެންވާ އާމްދަނީއެއް ލިބިގެން ދާނެ ކަން. ވެރިކަމަށް އަންނަ މީހާ ކުރަން ޖެހޭނެ ކަމަކީ ހިސާބު ކިތާބު ބެލެހެއްޓުން. ރައްޔިތުންނަށް ފައިސާ ބެހުން. އާމްދަނީ ބެހުން" ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުމުން ދެން 100 އަހަރު ވެރިކަން ކުރިޔަސް، ކުރަން ޖެހޭނެ މާބޮޑު ކަމެއް ނޯންނާނެ ކަމަށެވެ. އެ ތަރައްގީ ރައީސް ޔާމީން 10 އަހަރު ތެރޭގައި ގެންނާނެކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ރައީސް ޔާމީން ޒުވާނުންނަށް އެތައް ފުރުސަތުތަކެއް ހޯދައިދެމުން އަންނަކަމަށާއި، ސްކޫލްތަކުގެ ދަރިވަރުންވެސް ދުނިޔޭގެ ފެންވަރުގައި ވަނަތައް ހޯދަމުން އަންނަ ކަަމަށެވެ.

"އެއީކީ ކުއްލިއަކަށް ލިބުނު ވަނައެއްް ނޫން. އެއީ އެ ހޯދުމަށްޓަކައި ސަރުކާރުން ކުރި އެތަކެއް މަސައްކަތުގެ ނަތީޖާ" ޖަމީލް ވިދާޅުވިއެވެ.