ކޮވިޑް-19 ގެ ސަބަބުން މިއަހަރު އިތުރު ސްޓޫޑަންޓް ލޯން ސްކީމަށް ހުޅުވާލެވޭނެ ކަމުގެ ޔަގީން ކަމެއް އަދި އޮތް ކަމަށް ނުބެލެވޭ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާޙިމް ހަސަން ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ހީނަރު ކަމެއް އައިސްފައިވާ ކަމަށެވެ. އެހެން ނަމަވެސް ސަރުކާރު އަމާޒަކީ ކުރިން ހުޅުވާލާފައިވާ ފުރުސަތުތައް ފަހިކޮށްދިނުން ކަމަށެވެ.

މިނިސްޓްރީން މީގެ ކުރިން ވަނީ މިދިޔަ ފެބްރުއަރީ މަހު ހުޅުވާލި 550 ސްޓޫޑެންޓް ލޯން ސްކީމުގެ ފުރުސަތުގެ އިތުރުން މިއަހަރުގެ ފަހުކޮޅުވެސް އިތުރު ފުރުސަތުތައް ހުޅުވާން ވިސްނަވާފައެވެ.

"އަޅުގަނޑުމެންގެ އިގްތިސޯދު ކިރިޔާވެސް ޖާގަ ދެންޏާ އަޅުގަނޑުމެން އެ ފުރުސަތު ރައްޔިތުންނަށް ދޭ ގޮތަށް މިތިބީ. ދިވެހިން ބިނާކޮށް، ތަމްރީނު ކޮށްގެން ގައުމު ކުރިއަށް ދާނީ، ދިވެހިން ބިނާކޮށް، ތަމްރީނު ކޮށްގެން މިކަހަލަ ހާލަތެއް މުސްތަގްބަލުގައި ދިމާވެއްޖެޔަސް އެކަމުގައި މަސައްކަތް ކުރާނެ ފަންނުވެރި ހުނަރުވެރި ދަރިންތަކެއް ރާއްޖޭގައި ތިބޭނީ" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މިހާރު މިކުރާ މަސައްކަތަކީ ލޯނުގެ އެޕްލިކޭޝަންތައް އެސެސް ކުރުން ކަމަށެވެ. އެހެން ނަމަވެސް ކޮވިޑް-19ގެ ސަބަބުން މަސައްކަތްތަކަށް ވަރަށްބޮޑު މަޑުޖެހުމެއް އައިސްފައިވާ ކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

އަދި އިތުރު ލޯނުތަކުގެ ޔާގީންކަން ދެވެން ނެތް ހާލަތުގައި އެންމެ ފަހުން ހުޅުވާލިއިރު އެކަމަށް ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ މަސައްކަތް ނިންމާލެވޭތޯ ބަލަމުން އަންނަ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

"މިހާރު މި ބަލަނީ ވީހާވެސް ގިނަ އެޕްލިކޭޝަންތައް ޕްރޮސެސް ކޮށްފައި، އެ މަރުހަލާ ނިންމޭތޯ. އެ މަރުހަލާ ނިމޭއިރަށް އަޅުގަނޑުމެން މިކަމާއި ބެހޭގޮތުން އިތުރު ނިންމުމެއް ނިންމާކަމަށް ވާނަމަ، އެކަން އާންމުކޮށް އިއުލާނު ކުރާނެ. އެހެން ނަމަވެސް މިވަގުތު އަދި އަޅުގަނޑުމެންގެ ވިސްނުމެއް ނެތް އިއުލާނުކޮށްފައި އޮތްގޮތް ނޫން އެހެން ގޮތަކަށް އިއުލާނު ކުރާކަށް" މިނިސްޓަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސާމް

    ކަޑަ

  2. ޝީޒާ

    އެތައް ސަތޭކަ މިލިޔަން މީހުންގެ އާބާދީ އޮށް ގައުމުތައްވެސް މިއަހަރު ނިމެން ވާއިރައްވެސް ހިފަހައްޓާނެ. މީ ހަތަރު ލައްކައެންހާ މީހުން އެއްމަސް ދުވަސް ވަންދެކަ.................. ދެންކޮންކަމެއް ކަލޭމެންނައް ކުރެވޭނީ. ޔާމީން ހުރިނަމަ ހުވާ މިހުރިހާކަމެއް ކޮންމެ ގޮތެއް ހަދާފަނަމަވެސް ހައްލުކުރާނެ.