އދ. މަހިބަދޫ ބަނދަރުގައި އަޅާފައި އޮތް ފަސް ލޯންޗަކާއި ދެ ޑިންގީއެއްގައި ރޭ ފަތިހު ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ.

އަލިފާން ރޯވެގެން އެނދި އުޅަނދުތަކުގެ ތެރޭގައި ސީ އެމްބިއުލާންސް އާއި ފުލުހުންނާއި އަތޮޅު ކައުންސިލްގެ ލޯންޗެއް ހިމެނެއެވެ. އަދި މަޝްހޫރު ތެޔޮ ކުންފުނި އެޗްއެމްއެޗްގެ ދެ ލޯންޗާއި އެ ފަޅުގައި އޮތް ދެ ޑިންގީއެއްގައި އަލިފާން ރޯވެ ބޭނުން ނުކުރެވޭ ވަރަށް އެނދިއެވެ. މިއީ ބަނދަރުގައި ޖެހިޖެހިގެން އަޅާފައި ހުރި އުޅަނދުތަކެކެވެ.

މަހިބަދޫން ވާހަކަ ދެއްކި މީހަކު "ވަގުތަށް" ބުނި ގޮތުގައި އެންމެ ފުރަތަމަ ރޯވެފައި ވަނީ ސީ އެމްބިއުލާންސްގައެވެ. އަދި އަލިފާންގަނޑު ވަރަށް ހަލުވިމިނެއްގައި ފެތުރިގެން ގޮސް، ދެން ހުރި އުޅަނދުތަކުގައި ހުޅު ހިފީ ކަމަށް ވެސް އޭނާ ބުންޏެވެ. އޭނާ ބުނި ގޮތުގައި އަލިފާން ފުރަތަމަ ރޯވި އިރު، އެ ސަރަހައްދުގައި ތިބީ މަދު ބަޔެކެވެ.

އެމްއެންޑީއެފުން ބުނީ މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައި ނުވާ ކަމަށެވެ.

މި އަލިފާނުގެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ރިޕޯޓު ކޮށްފައި ވަނީ ފަތިހު 5:45 ގައެވެ. އަލިފާންގަނޑު އެއްކޮށް ނިއްވައިލެވުނީ ހެނދުނު 8:05 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މިދިއަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު މާލޭގެ ޓީޖެޓީ ސަރަހައްދުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އެޗްއެމްއެޗްގެ ތެޔޮ ބައުޒަރުތަކެއްގައި ރޯވެ އެނދިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަސަން ފޭދޫ

    އިންޝޫރަންސް ކްލައިމް ކުރަން ރޯކޮށްލަނީބާ؟

  2. ލައިލާ

    ދަރަނިވެރިވުމުގެ ކުރިން އިންޝުއަރެންސް ކަޓުވާލައިގެން ބޯދަމައިގަންނަނީ..