ރައީސް އަބްދުﷲ ޔާމީނަށް 2018 ކާމިޔާބު ކުރެވޭނީ އެމަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމްގެ މަސައްކަތްޕުޅުން ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.

މެޑަމް ފާތުންގެ ކެމްޕޭން އޮފީހުން އިންތިޒާމްކޮށްގެން ޕީޕީއެމް އިން ކޮޅުމަޑުލު ވޭމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސަލީމް ވިދާޅުވީ، މީގެ ކުރިން އެއްވެސް ފަސްޓް ލޭޑީއެއްގެ ފަރާތުން ފެނިފައި ނުވާ ކަންތަކެއް މެޑަމް ފާތުންގެ ފަރާތުން ފެންނަމުންދާ ކަމަށެވެ. އެގޮތުން އެކަމަނާ އަކީ ރައްޔިތުންނަށް އެހާ އޯގާތެރި އެހާ އަޅާލާ ފަސްޓްލޭޑީއެއް ކަމަށް ސަލީމް ވިދާޅުވިއެވެ.

"އެކަމަނާ އުމުރުން ޅަ ކުއްޖަކުވިޔަސް، މެދުއުމުރުގެ މީހަކަށްވިޔަސް، އަދި ހަރުކުލައިގެ މީހަކުކަމުގައި ވިޔަސް އަދި އުމުރުން ދުވަސްވީ މީހަކަށް ވިޔަސް ނުކުޅެދޭ ކުއްޖަކަށް ވިޔަސް ނުކުޅެދޭ މީހަކަށްވިޔަސް އެ މީހުންނާއި ދޭތެރޭ ބަހައްޓާ އޯގާތެރިކަމަކީ އެއީ ވަރަށް ބޮޑަށް އަޅުގަނޑުމެން ހަނދާންކޮށްލަން ޖެހޭ ކަމެއް". ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ، މެޑަމް ފާތުން ފަދަ ބޭކަނބަލެއްގެ ހިތްވަރާއި، ކެތްތެރިކަން އަދި އޯގާތެރިކަން ނެތްނަމަ ޕީޕީއެމްގެ ފަހަތުގައި ގިނަ އަދަދެއްގެ މީހުން ނުތިބޭނެ ކަމަށެވެ. އަދި މެޑަމް ފާތުން މި މަސައްކަތްފުޅާއެކު، ކަންތައްތައް ދާނީ ކުރިއަށް ކަމަށާއި، އެ ޕާޓީއަށް ވަންނަ މީހުން ވާނީ އިތުރުކަމަށްވެސް ސަލީމް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ 2018ގެ އިންތިހާބް ކާމިޔާބު ކުރެވޭނީ ހަމައެކަމަނާގެ ބުރަ މަސައްކަތްޕުޅުން. އެހެންވީމަ އަޅުގަނޑު ފަށްފަށުން އެކަމަނާއަށް ޝުކުރު ދަންނަވަން". ސަލީމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަމަންދަރު

    މީނަވެސް އެބަ އުޅޭތަ؟ މަ ހިތަށް އެރީ......

  2. އަލިފުޅު

    އެކަމަނާ އިންތިހާބުގައި ކުރިމަތި ލައްވަންވީނުންތޯ؟

  3. ތިމަންނަ

    މީހުން ބުނެއުޅޭ ، އިބްލީސް ބުންޏަސް ތެދެއްވާނީ ހަމަ ތެދަކަށޭ.....