ލ. ގަމުގެ ގެއެއްގައި ހުރި މީހެއްގެ ފަރާތުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނުމުން އެ ގެއަށް ވަދެ ނިކުތުން މަނާކޮށްފިއެވެ.

ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވައި ފުލުހުންނާއި ގަމު ކައުންސިލް އިދާރާއަށާއި އެމްއެންޑީއެފަށް އިއްޔެ ފޮނުއްވި ލިޔުމެއްގައި ވަނީ ގަމު، މުކުރިމަގު އަވަށުގައި ހުރި ގެއެއްގައި ހުރި މީހެއްގެ ކިބައިން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނުމާ ގުޅިގެން ސިއްހީ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށް ބޭނުންވާތީ އެ ގެއަކީ ބަންދުކޮށްފައިވާ ތަނެއް ކަމުގައި ކަނޑައަޅާ ކަމަށެވެ.

އެގޮތަށް ނިންމީ އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ކަމަށް އެ ލިޔުމުގައިވެއެވެ. އަދި ލިޔުން ނެރެފައިވާ ވަގުތުން ފެށިގެން 14 ދުވަހުގެ މުއްދަތަށް ނުވަތަ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަކި ގޮތަކަށް އަންގަންދެން އެ ގެ ބަންދު ކުރަން މައިމޫނާ އެންގެވިއެވެ.

"ވުމާ އެކު، ތިޔަ ތަނުގައި މިވަގުތު ތިބި އެއްވެސް ބަޔަކު ވަކި ގޮތެއް އަންގަންދެން ތަނުން ބޭރަށް ދިއުމާއި ހުއްދަ ނެތި އެއްވެސް މީހަކު ތަނަށް ވަނުން މަނާ ކުރެވިފައިވާތީ އެފަދައިން އެކަން ހިނގާނެ ގޮތުގެ މަތިން ތިޔަ ތަނުގެ އިންތިޒާމުތައް މި ހިނދުން ފެށިގެން ހަމަޖެއްސުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ތަނުގެ ވެރިފަރާތަށް އަންގަމެވެ،" ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ލިޔުމުގައިވެއެވެ.

ރާއްޖޭގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށްޓަކައި މިދިޔަ މަހުގެ 12 ވަނަ ދުވަހު ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާންކޮށް، އާންމު ސިއްހަތުގެ ގާނޫގެ ދަށުން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަށް ވަނީ ބޮޑެތި ބާރުތަކެއް ދީފައެވެ.

އެގޮތުން، އޭނާ އަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން މީގެކުރިން ބައެއް ގެތަކަށް ވަދެ ނުކުތުން މަނާ ވެސް ކުރިއެވެ.

އެކަމަކު، މިއީ ކޮވިޑް-19 އާ ގުޅިގެން ލ. ގަމުގައި ހުރި ގެއަކަށް ވަދެ ނުކުތުން މަނާ ކުރި ފުރަތަމަ ފަހަރު ކަމަށްވެއެވެ.

ރާއްޖެ އިން މިހާތަނަށް 21 މީހެއްގެ ގައިން ކޮވިޑް-19 ބަލި ވަނީ ފެނިފައެވެ. އޭގެތެރޭގައި ހަ ދިވެއްސަކު ވެސް ހިމެނެއެވެ. އެންމެ ފަހުން ރާއްޖެ އިން މި ބައްޔަށް ފައްސިވެފައި ވަނީ މާލެ ފުލޫ ކްލިނިކަށް ދައްކަން ދިޔަ ދިވެއްސެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ތުއްމަތި

    ތިކަހަލަ ގަޅި މީހުން ތިކަހަލަ މަގާމް ތަކަށް އަރުވާ ބޮލި ރަވައެއްހެން ތަޅުވާ ބާލަން ނުހަދާ ދެންވެސް ހަރުދަނާ ފިޔަވަޅު ތަކެއް އަޅަން ނުވޭބާ!

    7
    1