ކ.އަތޮޅު ކާށިދޫ އަށް އަރައި ފޭބުން މަނާކޮށް އެރަށް ކަރަންޓީން ކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެރަށް ކަރަންޓީން ކޮށްފައި ވަނީ މިއަދު މާލެ އިން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައިވާ މީހާ އާއި ކައިރީގައި އުޅުނު މީހަކު ކާށިދުއަށް ދަތުރު ކޮށްފައި ވާތީ ކަމަށް "ވަގުތު" އަށް ވަނީ މައުލޫމާތު ލިބިފައެވެ.

އެޗްޕީއޭ އިން ކާށިދޫ ކައުންސިލަށް ފޮނުވި ލިޔުމުގައި އެރަށް ކަރަންޓީނު ކުރެވޭ ސަބަބެއް ކަމަށް ބުނެފައި ވަނީ ކޮވިޑް-19 އާއި ގުޅިގެން ޞިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށެވެ.

ރަށް ކަރަންޓީން ކުރަން ނިންމި ނިންމުމުގެ ދަށުގައި ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު އެޗްޕީއޭ އިން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެޗްޕީއޭގެ ހުއްދަނެތި އެއްވެސް މީހަކު ރަށަށް އެރުން މަނާކުރާ ކަމަށް ލިޔުމުގައި ވެއެވެ.

ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ ޤާނޫނީ އިޚްތިޔާރުތަކުގެ ތެރެއިން، އިތުރަށް ބަލަންޖެހޭ ކަންކަން ބަލާ އެހެން އެންގުމެއް އަންގަންދެން، ކާށިދޫ ކަރަންޓީން ކޮށްފައިވާ ކަމަށް ވެސް ލިޔުމުގައި ވެއެވެ.

ކަރަންޓީނުކުރުމާ ގުޅިގެން އެޗްޕީއޭ އިން އަންގާ ގޮތެއްގެމަތިން، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަންގާ އެންގުންތަކާއި އަދި ހިންގާ ހަރަކާތްތަކަށް އެއްބާރުލުން ދެއްވާ އަދި މިކަމުގައި ތިޔަ ރަށުގެ ކައުންސިލްގެ އިދާރާގެ ފަރާތުން ކުރަންޖެހޭ ކަންކަން ވިލަރެސް ކުރާނެ ފަރާތެއް ކަނޑައަޅުއްވައި އަންގަވައި ދެއްވުމަށް ވެސް އެޗްޕީއޭ އިން ވަނީ ކާށިދޫ ކައުންސިލްގައި އެދިފައެވެ.