މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަސް ކޮވިޑް-19 މާލެއިން ފެނުމާއި ގުޅިގެން މާލެ ފުރަބަންދު (ލޮކްޑައުން)ކޮށްފާނެ ހާލަތެއްގައި ޑެލިވަރީ ކޮށްދިނުމަށް ބޭނުންވާ ފިހާރަތަކުން ރަޖިސްޓްރީ ވުމަށް މާލެ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.

މާލެސިޓީ ކައުންސިލުން ވަނީ އެ ކައުންސިލްގެ ވެބްސައިޓް ގައި މިހާރު ފިހާރައަށް ނުގޮސް ގުޅައިގެން ނުވަތަ އޮންލައިންކޮށް އޯޑަރުކޮށްގެން ގޭގެ އަށް ތަކެތި ޑެލިވަރީ ކޮށްދޭނެ ފިހާރަތަކުން ރަޖިސްޓްރީ ވުމަށް ހުޅުވާލައިފައެވެ. އަދި މި ވެބަސައިޓް މެދުވެރިކޮށް މިފަދައިން ތަކެތި ޑެލިވަރީ ކޮށްދޭ ފިހާރަތައް ހޯދާލުމަށް އާންމުންނަށް ފަސޭހަވާނެ ކަމަށް އެ ކައުންސިލުން ބުނެއެވެ.

ކޮވިޑް-19 މާލެއިން ފެނިފައިވާ މީހާ އާއި ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް އެޗްޕީއޭ އިން ނުވަތަ އެއްވެސް އިދާރާ އަކުން ހާމަކޮށްފައި ނުވާއިރު މިފަހަރު މި ބައްޔަށް ފައްސިވެފައި ވަނީ އެއްވެސް ޓްރެވަލް ހިސްޓްރީ އެއް ނެތް މީހެކެވެ.

މީގެ ދެގަޑިއެއްހާ އިރު ކުރިން މާލެއިން މީހަކު ކޮވިޑް-19 އަށް ފައްސިވި ހަބަރު ލިބުމާއި އެކު ގިނަ ބަޔަކު ދަނީ ތޮއްޖެހިގެއް ގެއަށް ބޭނުންވާ ކާބޯތަކެތި ގަންނަމުންނެވެ.

ނަމަވެސް މިދަނޑިވަޅުގައި މީހުން އެއް ނުވުމަށް ސިއްހީ އިދާރާތަކުން ދަނީ އިލްތިމާސްކުރަމުންނެވެ. މިހާރު މިއޮތް ހާލަތާއި ގުޅިގެން މާލޭގެ ޑެލިވަރީ ނުކުރާ ގިނަ ފިހާރަތަކަކުން ވަނީ ޑެލިވަރީގެ ހިދުމަތް ފަށާފައެވެ.