މާލެ ސިޓީ ފުރަބަންދު (ލޮކްޑައުން)ކޮށްފައިވާތީ، މާލެ ސަރަހައްދުން އުޅަނދުތައް ފުރުން މަނާކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ކުރި ޓްވީޓެއްގައި ބުނީ، މާލެ ސިޓީ ލޮކްޑައުން ހާލަތަކަށް ގެނެވިފައިވާ މި ދަނޑިވަޅުގައި، މާލެ ސިޓީގެ އެއްވެސް ސަރަހައްދެއްގައި ބަނދަރުކޮށްފައިވާ އެއްވެސް އުޅަނދެއްވެސް ފުުރުމަކީ މަނާކަމެއް ކަމަށެވެ.

މާލެ ސަރަހައްދު ފުރަބަންދުކޮށްފައި ވަނީ 24 ގަޑިއިރަށެވެ.

ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވައި ނެރުއްވި ބަޔާނެއްގައި ވަނީ އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން އޭނާ އަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އެންގުން އަންގާ ވަގުތުން ފެށިގެން ވަކި ގޮތެއް އަންގަންދެން 24 ގަޑިއިރަށް މާލެ ސަރަހައްދު ފުރަބަންދު ކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން މުހިންމު ތިން ފިޔަވަޅެއް އެޅުމަށް މައިމޫނާ ވަނީ ކަމާބެހޭ ފަރާތްތަކަށް އަންގައިފައެވެ. އެ ތިން ފިޔަވަޅަކީ:

1- މާލެ، ހުޅުމާލެ، ވިލިމާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާކުރުމާއި އާންމުން ތަންތަނަށް ނުކުތުން މަނާކުރުން.

2- މާލެ، ހުޅުމާލެ، ވިލިމާލޭގައި ޕަބްލިކް ޓްރާންސްޕޯޓް (ބަހާއި ފެރީގެ) ހިދުމަތް ހުއްޓައިލުން.

3- މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅިފަޅަށް މީހުން އަރައި ފޭބުން ހުއްޓާލުން.

މިއީ މާލެ ސަރަހައްދު ފުރަބަންދު ކުރަން ނިންމި ފުރަތަމަ ފަހަރެވެ. މީގެކުރިން ކޮވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 8:00 އާ ހަމައަށް މީހުން ބޭރަށް ނުނިކުމެވޭ ގޮތަށް ކާފިއު އިއުލާންކުރިއެވެ.

ރާއްޖެ އިން މިހާތަނަށް 21 މީހެއްގެ ގައިން ކޮވިޑް-19 ބަލި ވަނީ ފެނިފައެވެ. އޭގެތެރޭގައި ހަ ދިވެއްސަކު ވެސް ހިމެނެއެވެ. އެންމެ ފަހުން ރާއްޖެ އިން މި ބައްޔަށް ފައްސިވެފައި ވަނީ މާލެ ފުލޫ ކްލިނިކަށް ދައްކަން ދިޔަ ދިވެއްސެކެވެ.