މާލެއިން ކޮވިޑް-19 އަށް ފައްސިވި(ޕޮޒިޓިވް)މީހާއާ މިހާތަނަށް ބައްދަލުވި 54 މީހަކު އައިސޮލޭޓްކޮށްފިއެވެ.

ދަރުބާރުގޭގައި މިހާރު ކުރިއަށްދާ، ނޫސްވެރިންގެ ބައްދަލުވުމުގަިއ ވާހަކަފުޅު ދައްކަވަމުން، ޑރ ނަޒްލާ ވިދާޅުވީ، ކޮވިޑް-19 އަށް މިއަދު މާލެއިން ފައްސިވި މީހާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި، އެ ފަރާތްތައް މިހާރު އެކަހެރި ކުރެވިފައިވާ ކަމަށެވެ.

"ބަލި މިހާގެ (މިއަދު ފައްސިވި މިހާ) ގާތްގަނޑަކަށް، 54 ކޮންޓެކްޓްސް އެއް މިވަގުތާއި ހަމައަށްވެސް ވަނީ އައިސޮލޭޓް ކުރެވިފަ. އަދިވެސް އިތުރަށް ކޮންޓެކްޓް ޓެރޭސިންގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަދޭ. އަޅުގަނޑުމެންނަށް ޤަބޫލުކުރެވޭ ގޮތުގައި އަދިވެސް އިތުރު ފަރާތްތަކެއް މިއަދު އައިސޮލޭޓް ކުރެވިގެންދާނެ." ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން ނަޒްލާ ވިދާޅުވީ، މިއަދު ފައްސިވި މީހާއާއި އެންމެ ގާތްކޮށް އުޅުނު މީހުންވެސް ދެނެގަތުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށާއި، ނަމަވެސް އެފަރާތްތައްވެސް އެކަހެރި ކުރަންޖެހިއްޖެ ހާލަތެއްގައި އެކަން ކުރައްވާނެ ކަމަށެވެ.

"ބަލިމީހާ އާއި އެންމެ ގާތްކޮށް އުޅުނު މީހުންނާއި ވެސް ކޮންޓެކްޓްވި މީހުންގެ ލިސްޓް އަޅުގަނޑުމެން ހޯދަމުން މިދަނީ. މިވަގުތު ގޭގަ މަޑުކޮށްލުމަށް އަޅުގަނޑުމެން ބުނެފަ ވާނީ. މި ވަގުތު އެބޭފުޅުންނެއް އަދި އައިސޮލޭޝަން އަކަށް ނުގެންދަން. ނަމަވެސް ކޭސްގެ ކަންކަން ކުރިއަށްދާގޮތުން އެބޭފުޅުންވެސް އައިސޮލޭޝަންއަށް ލާން ޖެހިދާނެ." ޑރ ނަޒްލާ ވިދާޅުވިއެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 21 އަށް އަރާފައެވެ. އޭގެ ތެރެއިން މިހާރު 16 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ. ދެ މީހަކު ވަނީ ރާއްޖެ އިން ފުރައިގެން ގޮސްފައެވެ. އެހެންކަމުން ރާއްޖޭގައި މިހާރު ތިބީ ބަލި ޖެހިފައި ތިބި ތިން މީހުންނެވެ. އެތިން މީހުންނަކީ ވެސް ދިވެހިންނެވެ.

މާލެ އިން ފުރަތަމަ ފަހަރަށް ކޮވިޑް-19 ޖެހިފައި ހުރި މީހަކު ފެނުމާ އެކު މާލެ ސަރަހައްދު 24 ގަޑިއިރަށް ވަނީ ފުރަބަންދުކޮށްފައެވެ.

ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވައި ނެރުއްވި ބަޔާނެއްގައި ވަނީ އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން އޭނާ އަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އެންގުން އަންގާ ވަގުތުން ފެށިގެން ވަކި ގޮތެއް އަންގަންދެން 24 ގަޑިއިރަށް މާލެ ސަރަހައްދު ފުރަބަންދު ކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން މުހިންމު ތިން ފިޔަވަޅެއް އެޅުމަށް މައިމޫނާ ވަނީ ކަމާބެހޭ ފަރާތްތަކަށް އަންގައިފައެވެ. އެ ތިން ފިޔަވަޅަކީ:

1- މާލެ، ހުޅުމާލެ، ވިލިމާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާކުރުމާއި އާންމުން ތަންތަނަށް ނުކުތުން މަނާކުރުން.

2- މާލެ، ހުޅުމާލެ، ވިލިމާލޭގައި ޕަބްލިކް ޓްރާންސްޕޯޓް (ބަހާއި ފެރީގެ) ހިދުމަތް ހުއްޓައިލުން.

3- މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅިފަޅަށް މީހުން އަރައި ފޭބުން ހުއްޓާލުން.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 21 މީހެކެވެ. އޭގެ ތެރެއިން 16 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ރާއްޖޭގައި މިހާރު ފަރުވާދެމުން ދަނީ މިއަދު ފައްސިވި މީހާއެކު ތިން މީހަކަށެވެ. އެ ތިން މީހުންނަކީވެސް ދިވެހިންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކިނބޫ

    އެންމެ މީހެއްގެ އިހުމާލުން އެހެން މީހުނަށް ކިހާ ދެރަ