ބަލި މީހާއަކީ ކާކުކަން އެނގުމުން އެހެން މީހުންނަށް ބަލިން ރައްކާތެރިވެވޭނެ ކަމަށް ހީވެފައި އޮންނަ އޮތުމަކީ ކުށްހީއެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ.ނަޒްލާ ވިދާޅުވީ ބަލި މީހެއްގެ މައުލޫމާތު އޭނާގެ އިޒުނައާއި ނުލާ ހާމަކުރުމާއި، ބަލިމީހާގެ ޒާތީ މައުލޫމާތު ހާމަކުރުމަކީ ޤާނޫނީ ކުށެއް ކަމަށެވެ. އެޗްޕީއޭގެ އާއްމު ބަލިތަކާއި ބެހޭ ބައިގައި އޭނާ މަސައްކަތް ކުރައްވާއިރު އެހެން ބަލިތަކާއި ގުޅޭގޮތުން ވެސް، އެ ބަލި ޖެހުނު މީހުންގެ މައުލޫމާތު ހާމަނުކުރަނީ ކީއްވެގެންތޯ އާއްމުން ސުވާލު ކުރަމުން އަންނަ ކަމަށް ޑރ.ނަޒްލާ ފާހަގަކުރެއްވިއެވެ.

"އެޗްއައިވީ ނޫނީ ޓީބީ ޖެހިފައި ހުންނަ މީހުންގެ ނަން ހާމަނުކުރަނީ ކީއްވެތޯވެސް. އަސްލު ބަލި ޖެހިފައި ހުންކަން އެނގޭ މީހާގެ ނަން، އެނގުނީމަ ތިމާ ރައްކާތެރިވާކަމުގެ އެއީ އަސްލު ފޯލްސް ހޯޕެއް އިނގޭތޯ. އަޅުގަނޑުމެންނަށް ބަލި ޖެހިފައިކަން މި އިނގެނީ، ޝައްކުވެގެން ބަލި ޖެހިފައި ހުރިތޯ ބަލަން ޓެސްޓްކުރުމަށް ފަހު. އޭގެ ކުރިން ހަމަ ކިތަންމެ ގިނަ ފަހަރަކުވެސް ހުރެދާނެ މީހަކާ ބައްދަލުވެފަވެސް." ނަޒްލާ ވިދާޅުވިއެވެ.

މިއަދު މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާއާ ގުޅުން ހުރި މީހުންނާއި އޭނާއާ ކޮންޓެކްޓުވި މީހުން ޓްރޭސް ހެދުމުގެ މަސައްކަތް ހަދަމުން އަންނަ ކަމަށާއި އަދި މިވަގުތު އެންމެ މުހިއްމު އެއް މަސައްކަތަކީ އެ މީހާއަށް ބަލި ޖެހުނީ ކޮން ގޮތަކުން ނުވަތަ ކޮންތާކުންތޯ ބެލުން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އެޗްޕީއޭގެ ޓީމުތަކުން އެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނަ ކަމަށެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ މާލެ ފުލޫ ކްލިނިކަށް ދައްކަން ދިޔަ ދިވެއްސެއް ވަނީ ކޮވިޑް-19 އަށް އަށް ފައްސިވެފައި ކަމަށެވެ. މިއީ މާލޭ ތެރެއިން ކޮވިޑް-19 ޖެހިފައި ހުއްޓާ ފެނުނު ފުރަތަމަ މީހާއެވެ. އަދި މިއީ ދިވެހިންގެ ތެރެއިން މި ބައްޔަށް ފައްސިވި ހަވަނަ ވަނަ މީހާއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވަގުތު ޖެހިއްޖެ

    އެންމެން ﷲ ސުބުޙާނަހޫ ވަތަޢާލާ ދުޢާ ކޮށް ގުރުއާން ކިޔަވާ 5 ނަމާދުކޮށް ތައުބާވޭ...މިއީ ރަނގަޅު މަގަށް އެ ޅެން ލިބުނު ފުރުސަތެއްކަމަށްވެސް ވެދާނެ..ލައްކަ ދުވަހު ނަމާދެއް ނުކޮށް ގުރުއާން އަކުރެއް ނުކިޔަވާ ޕާޓީ ކޮށް ލަވަކިޔާ މަޖާ ކުރެވިއްޖެ..މިއަޅާޔަށް މާފްކޮއްދެއްވާންދޭވެ..ޔާ ﷲ...ދުޢާ ކުރަން މިބަލިން އަޅަމެން ސަލާމަތް ކޮށްދެއްވުމަށް.

  2. ޙަމަހަމަ

    މޫނު ފެނު މުން ގައި މު އެނގޭނެދޯ ތި މަންނައާ ދި މާވިކަން. ކޮންޓެކްޓް ޓްރޭސިންގް ހަދަން އާން މުންނަށްވެސް އޭރުން އެނގޭނެ.