މާލެއިން ކޮވިޑް-19 އަށް ދިވެއްސަކު ފައްސި(ޕޮޒިޓިވް) ވެފައިވުމުން އެ ބަލި މި ދުވަސްވަރު މުޖުތަމަޢުތެރެއަށް ފެތުރުމުގެ ފުރުސަތު އެބައޮތް ކަމަށް ލަފާ ކުރެވޭ ކަމަށް ހެލްތް މިނިސްޓަރު އަމީން ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރު އަމީން ވިދާޅުވީ، މާލެއިން ކޮވިޑް-19 ފެނިފައިވާ މި ދަނޑިވަޅުގައި ރައްޔިތުން އެންމެ އިސްކަމެއް ދޭން ޖެހެނީ ވައިރަސް ފެތުރުން ލަސްކުރެވޭނެ ގޮތަކަށް ކަމަށެވެ.

އެހެން ކަމުން މިވަގުތު މި ބައްޔަށް އޮތް އެންމެ ރަނގަޅު ފަރުވާއަކީ ގޭގައި ތިބުން ކަމަށާއި އެކަކު އަނެކެއްގެ މެދުގައި ބަހައްޓަން ޖެހޭ ފިޒިކަލް ޑިސްޓެންސް ބެހެއްޓުމަށް އަމީން ވަނީ ގޮވާލާފައެވެ.

"މި ބަލި ކޮމިއުނިޓި ސްޕްރެޑް ނުވަތަ އަޅުގަނޑުމެންގެ އާބާދީގެ ތެރޭގައި ފެތުރެން ފެށީމަ ދެން އެންމެ ބޮޑު އިސްކަމެއް ދޭން ޖެހެނީ، ފެތުރުން ލަސްކުރެވޭނެ ގޮތަކަށް. އަންދާޒާ ކުރުން ތަކަށް ބަލާއިރު މިދުވަސްވަރު މިހިސާބު މިއީ އަޅުގަނޑުމެންގެ ކޮމިއުނިޓީއަށް ފެތުރުމުގެ ފުރުސަތު އޮތް ދުވަސްވަރެއް ކަމަށް މިހިސާބަށް އަޅުގަނޑުމެންނަށް ލަފާ ކުރުންތަކުން ފާހަގަކުރެވިފައިވަނީ" އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ، މާލެއިން މީހަކު ފައްސިވުމާއި ގުޅިގެން ކުއްލިއަކަށް ހާސްވެގެން ފިހާރަތަކަށް ވަދެ ހުރިހާ އެއްޗެއް ގަނެ، މިވަގުތު ކުރަން ނުޖެހޭ ކަންކަން ކުރަން ދިމާ ކޮށްފިނަމަ އޭގެ ސަބަބުން ބަލި އިތުރަށް ފެތުރުމަށް މަގުފަހިވެގެން ހިނގައިދާނެ ކަމަށެވެ.

މާލެއިން ކޮވިޑް-19 އަށް ފައްސިވީ އަންހެން މީހާ، މީގެ ކުރިން އެބައްޔަށް ފައްސިވި މީހަކާއި ދިމާވިކަން އަދި އެނގިފައި ނުވާ ކަމަށާއި، އޭނާއާ ޑައިރެކްޓް ކޮންޓެކްޓްވީ 11 މީހެއްގެ ސާމްޕަލް ނަގާފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރާއްޖެ އިން މިހާތަނަށް 21 މީހެއްގެ ގައިން ކޮވިޑް-19 ބަލި ވަނީ ފެނިފައެވެ. އޭގެތެރޭގައި ހަ ދިވެއްސަކު ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލީ

    އަދިވެސް ލަފާ ކުރެވެޔޭ. ސަހަނރޯ... ވައިރަސް އަރާނީވެސް ކަލޭމެންގެ ލަފަޔެއް އަހާފަތަ؟
    އަޅަންޖެހޭ ހަރުކަށި ފިޔަވަޅުތަށް އަޅާބަލަ ކުރަނޑި އޭ ނުކިޔާ!

    6
    1